ދުނިޔެ
އަހަރެމެންނަށް އަހަރެމެންގެ ބިން ދޫކުރުން ނޫން އެހެން ގޮތެއްދެން ނެތް: ޣައްޒާގެ ނޫސްވެރިއެއް

ޣައްޒާގެ ހަލާކުވެފައިވާ އިމާރާތްތައް
ޣައްޒާގެ ބިން ދޫކުރުން ނޫން އެހެން ގޮތެއް ޣައްޒާގެ އަހުލުވެރިންނަށް ނެތް ކަމަށް ޣައްޒާގެ ނޫސްވެރިޔާ ރާމީ އަބޫ ޖާމޫސް ވިދާޅުވެއްޖެއެވެ.
"އޮރިއަން 21" ވެބްސައިޓުގައި ރާމީ އަބޫ ޖާމޫސް ލިޔުއްވާފައިވާ ގޮތުގައި، 23 އޯގަސްޓް 2025 ވަނަ ދުވަހު އިސްރާއީލުގެ ހަނގުރާމައިގެ މިނިސްޓްރީން ވަނީ ޣައްޒާ ސިޓީ އަތުލާނެ ކަމަށް އިއުލާނުކޮށްފައެވެ.
އަބޫ ޖާމޫސް ފާހަގަކުރައްވާ ގޮތުގައި 2.3 މިލިއަން ޣައްޒާގެ ރައްޔިތުން މިހާރުވެސް ދިރިއުޅެމުން އަންނަނީ ޣައްޒާގެ 20 އިންސައްތަ ސަރަހައްދެއްގައެވެ. އިސްރާއީލްސިފައިން ވަނީ 80 އިންސައްތަ ސަރަހައްދު ހިފާފައެވެ. އިސްރާއިލް ސިފައިން ޣައްޒާ ސިޓީ އަތުލުމަށްފަހު، ޣައްޒާ ރައްޔިތުން ޖެހިލާންޖެހޭނީ އެންމެ 10 އިންސައްތަ ސަރަހައްދަކަށް ނުވަތަ 35 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށެވެ.
"މިހާރު އަހަރެމެން އުޅެނީ ދެ މަގެއްގެ ދެމެދުގައި. ހަނގުރާމަ ނިމުން ނުވަތަ ބޭރަށް ފޮނުވާލުން. ތިންވަނަ ގޮތެއް ނެތް" ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ރަފާ އަތުލަން ތައްޔާރުވަމުންދިޔަ އިރު، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބަޢިޑަން އަދި ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން އަދި އެހެން ހުޅަނގުގެ ލީޑަރުން ބުނެފައިވަނީ "ރަފާ އަކީ ރަތް ރޮނގެއް" ކަމަށެވެ. ނަމަވެސް އިސްރާއީލުން ބޭނުން ގޮތެއް ހެދިއެވެ. މިހާރު ރަފާވަނީ ސުންނާފަތިވެފައެވެ.
އަބޫ ޖާމޫސް ނިންމާލައްވާފައިވަނީ އިސްރާއީލުގެ ވުޖޫދަށް އެންމެ ބޮޑު ނުރައްކަލަކީ ފަލަސްތީނުގެ ރައްޔިތުން ކަން އިސްރާއިލަށް އެނގޭ ކަމަށާއި އެހެންކަމުން ހުރިހާ ގޮތަކުން ވެސް މަސައްކަތް ކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުން ވުޖޫދުންވެސް ފުހޮލުމަށް ކަމަށެވެ.