ކުޅިވަރު

އައިޓީއެފް ޖޭ30: ސިންގަލްސް އިވެންޓުގެ ސެމީއަށް އަނެއްކާ ވެސް ނަބާ

އައިޓީއެފް ޖޭ30: ސިންގަލްސް އިވެންޓުގެ ސެމީއަށް އަނެއްކާ ވެސް ނަބާ

އައިޓީއެފް ޖޭ30ގެ މެޗެއްގައި ނަބާ، ފޮޓޯ: ޖަވިޔަނި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޯގަސްޓު 2025، 08:49

28 އޯގަސްޓު 2025، 08:49

ރާއްޖޭގައި މިހާރު ކުރިޔަށްދާ "އައިޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ޓެނިސް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ސެމީފައިނަލުން ދެވަނަ ހަފްތާގައި ވެސް ރާއްޖޭގެ ނަބާ ނިޝާން ޖާގަ ހޯދައިފިއެވެ.

މި ހަފްތާގެ ކުއާޓާފައިނަލްގައި އުމުރުން 15 އަހަރުގެ ނަބާ ވާދަކުރީ، މުބާރާތުގައި ތިންވަނައަށް ސީޑްކޮށްފައިވާ ޗާރލޮޓް ޕާރކްސްއާ ދެކޮޅަށެވެ. އުމުރުން 16 އަހަރުގެ ޗާރލޮޓްއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި ދުނިޔޭގެ އެންމެ މޮޅު 1000 ޖޫނިއަރ ޓެނިސް އެތުލީޓުންގެ ތެރޭގައި އޭނާ ހިމެނެއެވެ. 

ނަބާ މި މެޗު ކާމިޔާބުކުރީ ފުރަތަމަ ސެޓު ގެއްލިފައިވަނިކޮށެވެ. އެގޮތުން އެ ސެޓު 6-4އިން ކާމިޔާބުކުރީ ޗާރލޮޓްއެވެ. ނަމަވެސް ދެވަނަ ސެޓު 3-6އިން ކާމިޔާބުކުރުމަށްފަހު ނަބާ ވަނީ ފަހު ސެޓު 4-6އިން ކާމިޔާބުކޮށްފައެވެ. 

ނަބާ ކުޅޭ ސެމީފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ހެނދުނެވެ. އެ މެޗުގައި އޭނާ ބައްދަލުކުރާނީ އެއްވަނައަށް ސީޑްކޮށްފައިވާ ތައިލެންޑުގެ ތަރިތާ ހޮންގްސްޔޮކްއާއެވެ. 

ނަބާގެ އިތުރުން އުމުރުން 17 އަހަރުގެ އާރާ އާސަލް އާޒިމް ވެސް ސިންގަލްސް ކުއާޓާގައި ވާދަކޮށްފައިވެއެވެ. ނަމަވެސް އެ މެޗު ކާމިޔާބުކުރީ އާރާއާ ދެކޮޅަށް ކުޅުނު، ދެވަނައަށް ސީޑްކޮށްފައިވާ ކަޒަކިސްތާނުގެ ތަމާރާ އެމަކޯވާއެވެ. 

ޑަބަލްސް އިވެންޓުން އެއްވަނަ ހަފްތާގައި ރާއްޖޭގެ އާރާ ހިމެނޭ ޕެއަރ ވަނީ ރަން މެޑަލް ހޯފައިފިއެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން