ޚަބަރު
ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފަ: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް އުމަރު/ފޮޓޯ: ރަސް އޮންލައިން
ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފައިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން، ނޫސްވެރިން ކުރަމުންދާ އިޙްތިޖާޖުތަކާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ ވަރަށް ސާދާކޮށް ކަމަށެވެ. އެގޮތުން، މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު ދިމާވާ އެކި އުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ، ރާއްޖޭގެ ގިނަ ބަޔަކު ވަރަށް އުފާވާ އަދި މަދުން ނޫނީ ނުފެންނަ ސިފައެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް، މަގުމަތިން ރައީސުލްޖުމްހޫރިއްޔާ އަށް ގަނާކޮށް، ފުރައްސާރަކޮށް، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާގޮތަށް ބަޔަކު މަގުމަތިން އެމަނިކުފާނާ ދިމާކުރެއްވި މަންޒަރު އިއްޔެ ފެނިގެން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދު ނޫންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ބަދަލު ހިފުމާއި ޒާތީ ތަޢައްޞަބުން ދުރުހެލިވެ، ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފައި.
ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޝަރުޢީ ނިޒާމު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ، ވީދެމުންދާ އިޖުތިމާޢީ ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ، ޤައުމުގެ ކުރިމަގު އުޖާލާއެއް ނުވާނެކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، މި ޤައުމަށް ސަހަރޯވެރިވެ، ޤައުމު ހަމަ މަގަށް އަޅުވަން ތިބޭނީ ދިވެހި ރައްޔިތުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.