Ads by Stelco

ޚަބަރު

ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން ދީފައިވާކަން މިދަނީ ހާމަވަމުން: ވަޒީރު ސަޢީދު

ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން ދީފައިވާކަން މިދަނީ ހާމަވަމުން: ވަޒީރު ސަޢީދު

ވަޒީރު މުޙައްމަދު ސަޢީދު/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޯގަސްޓު 2025، 06:07

29 އޯގަސްޓު 2025، 06:07

ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން މިދަނީ ހާމަވަމުންކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ އިޙްތިޖާޖުތަކަށް ރައްދު ދެއްވާ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ސަރުކާރުން ނޫސްވެރިންނަށް ީދިފައިވާ ފުރުޞަތުތަކަށް އަލިއަޅުއްވާލާ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މަޖިލީހުގެ ސުޕާ މެޖޯރިޓީއެއް ލިބިވަޑައިގެންފައިވާއިރު، އެ ބާރުގެ ބޭނުން ހިފަމުންދަނީ ކެތްތެރިކަމާއި ޑިމޮކްރެޓިކް އުޞޫލުތަކަށް އިޙުތިރާމް ކުރުމާއެކު ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު އިންތިޚާބުވެފައިވަނީ، ކުރީގެ ސަރުކާރުގެ އިޤްތިޞާދީ ނާކާމިޔާބީތަކާއި ދަރަނިތަކުން ޤައުމު ސަލާމަތް ކުރެއްވުމަށް ރައްޔިތުން ދެއްވި ވަރުގަދަ ވޯޓަކުންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މިހާރު ހިނގަމުންދާ އަޑުއުފުލުންތަކަކީ ޢާންމުކޮށް ސިޔާސީ ބޭނުންތަކެއް ހާޞިލުކުރުމަށް، ކުރީގެ ނާކާމިޔާބީތަކުގެ ޒިންމާދާރު ފަރާތްތަކުން ކުރަމުންދާ ކަންކަން ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވަނީީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން މިއަދު މިދަނީ ފެނި ހާމަވަމުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވަނީ ނޫސްވެރިންނަށް އިއްޔެ އެކަނިވެސް ދީފައިވާ ފުރުޞަތުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން:

  • ހެނދުނުއްސުރެ ގްރީންޒޯންގައި ނޫސްވެރީން މުޒާހަރާކޮށް ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔުން.
  • ނޫސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އިންފޮމޭޝަން މިނިސްޓަރާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރ އެއްވެތިބި ނޫސްވެރީންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވާ ވާހަކަތައް އަޑުއެއްސެވުން.
  • ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރީންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނާ ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ހުރިހާ ވާހަކައެއް އަޑުއެއްސެވުން.
  • ރައްޔިތުން މަޖިލީހަށް ހުށަހެޅިފައި އޮތް ބިލަށް ނޫސްވެރީން ބޭނުން ވަރަކަށް ޚިޔާލުތަކާ އިޞްލާޙުތައް ހުށަހަޅަން 10 ދުވަހުގެ ފުރުޞަތެއް ހުޅުވާލުން.
  • އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ކެތްތެރިކަން އިސްކުރެއްވުން.
  • ނޫސްވެރީންގެ ސުވާލުތަކަށް ލައިވް ޕްރެސްއެއް ބާއްވަވާ ބަންޑާރަނައިބު ޖަވާބު ދެއްވުން.
  • ބަންޑާރަނައިބުގެ ޕްރެސްގައި އިޙްތިޖާޖުކޮށް ބޭނުން އަޑެއް އުފުލަންވެސް ނޫސްވެރީންނަށް ފުރުޞަތު ދެއްވުން.

ރާއްޖޭގެ މީޑިއާތަކަށް ހަނި ފިޔަވަޅުތަކެއް އެޅޭގޮތަށް މަޖިލީހަށް ހުށައަޅާފައިވާ މި ބިލު، އިއްޔެ ވަނީ މަޖިލީހުގެ ތަޅުމުގައި ބަލައިގަނެފައެވެ. ނޫސްވެރިން މިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ނެގުމަށް ގޮވާލާ އިޙްތިޖާޖުކުރަމުން ދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށާއި، މި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި، މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

ހަމަ މިއާއެކު، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށްޗވެސް ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން