ޚަބަރު / ރިޕޯޓް
ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު އަވަހާރަވެއްޖެ

މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ފޮޓޯ:އިންޓަނެޓް
ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތު ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވި، ދިވެހި ދައުލަތުން ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވާފައިވާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަންކަންވެސް ކުރައްވަމުން ގެންދެވި، މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު އަވަހާރަވެއްޖެއެވެ.
އެމްޔޫ މަނިކު އަވަހާރަވެފައިވަނީ އުމުރުފުޅުން 78 އަހަރުގައި، އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެެއްގައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އެތައް ކުރިއެރުންތަކެއް ހޯދާފައިވާ އަދި އެންމެ މަތީފަންތީގެ ޚިދުމަތްދޭ ރިސޯޓުތައް ރާއްޖޭގައި ހިންގާ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަންގެ މަގާމުވެސް ފުރުއްވަމުން ގެންދެވި މުޙައްމަދު އުމަރު މަނިކަކީ، ނުވަތަ ކޮލިގޭ މުޙައްމަދު އުމަރު މަނިކަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމަނިކުފާނުގެ މުހިންމު ދައުރުތައް:
ފަތުރުވެރިކަމުގެ ފެށުން: 1972 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު ރާއްޖެއަށް ފުރަތަމަ ޓޫރިސްޓް ގްރޫޕް އައުމުން، އެމީހުން ރާއްޖޭގައި ތިބުމުގެ ކަންކަން ހަމަޖެއްސެވުމުގައި އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މިއުމަން ޓުއަރިސްޓް އޭޖެންސީ 1972 ވަނަ އަހަރު އުފެއްދެވުމުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ފުރަތަމަ ރިޒޯޓް: މާލެއަތޮޅު ވިހަމަނާފުށީގައި 1972 ވަނަ އަހަރު ހުޅުވުނު 30 ކޮޓަރީގެ ޓޫރިސްޓް ރިޒޯޓަކީ، ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޓޫރިސްޓް ރިޒޯޓެވެ. ކުރުނބާވިލެޖްގެ ނަމުން ނަންދެވިފައިވާ މި ރިޒޯޓް 1986 ގައި އަލުން ތަރައްޤީކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ މަރުޙަލާއަކަށް ގެންދަވައި، ރާއްޖޭގެ ފުރަތަމަ 5 ތަރީގެ ހޮޓަލަކަށް ހެއްދެވިއެވެ. މި ރިޒޯޓް މިހާރު ހިނގަމުންދަނީ މުޙައްމަދު ޢުމަރު މަނިކުގެ ޗެއަރމަންކަމުގެ ދަށުން ހިންގަވާ ޔުނިވަރސަލް އެންޓަރޕްރައިސަސް ލިމިޓެޑުންނެވެ.
އަލަށް މާކެޓުތައް ހޯއްދެވުން: ޔުނިވަރސަލް އެންޓަރޕްރައިސަސް ލިމިޓެޑްގެ ޗެއަރމަންކަމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައިވެސް މުހިންމު ދައުރެއް މުޙަންމަދު ޢުމަރު މަނިކު އަދާކުރައްވާފައިވެއެވެ. މިދަތުރުތައް ރާއްޖެއަށް ފެށިފައިވަނީ 31 އޮކްޓޯބަރ 1981 ގައެވެ. މި ފްލައިޓް ރާއްޖެއަށް ދަތުރު ފެށުމުން ޔޫރަޕާއި ރާއްޖެ ފުރަތަމަފަހަރަށް ވައިގެ މަގުން ސީދާ ގުޅުނީއެވެ. އަދި ޔޫރަޕްގެ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށްޓަވައި، ފުރަތަމަފަހަރަށް ޖަރމަންގެ އައި.ޓީ.ބީ ފެއަރގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޖަޕާނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޢާރުފު ކޮށްދެއްވުމާއި، ހޮންގކޮންގއާއި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގެންނެވުމާއި، ތައިވާނުން ސީދާ ރާއްޖެއަށް [އީވާ އެއަރ] ގައި ފަތުރުވެރިން ގެންނެވުމުގައިވެސް ޢަމަލީގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ.
ފެންވަރު މަތިކުރުން: ރާއްޖޭގައި ޓޫރިޒަމް ތަޢާރުފުވެ، އެ މަސައްކަތް ފުރަތަމަ ފެށުނު ހިސާބުން ފެށިގެން މުޙަންމަދު މަނިކުގެ އަމާޒަކަށްވީ، ރާއްޖެއަށް ފައިދާހުރި ގޮތްގޮތަށް އެމަސައްކަތް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. އެގޮތުން، ކަމާބެހޭ ތަޖުރިބާކާރުން ރާއްޖެއިން ބޭރުން ގެންނަވައިގެން، ރާއްޖޭގެ މީހުންނަށް ޓޫރިޒަމްގެ އެކިއެކި ތަމްރީނުތައް ދެއްވައި، ރާއްޖޭގެ ރިޒޯޓްތަކުގެ ފެންވަރު މަތިކުރެއްވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ.
މަޓީ އުފެއްދެވުން: ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރައްވައި، އެ ދާއިރާގެ އަމާޒާއި މިޞްރާބު ރަނގަޅު ކުރައްވައި، ކުރިމަގުގައި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުއްވުމުގެ މަޤްޞަދުގައި، މުޙަންމަދު ޢުމަރު މަނިކު އިސްނަންގަވައިގެން، 1992 ވަނަ އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (MATI) އުފެއްދެވިއެވެ.
އިޖްތިމާޢީ ޚިދުމަތްތައް: މުޙަންމަދު ޢުމަރު މަނިކަކީ، އިޖްތިމާޢީ ރޮނގުންވެސް އެކިއެކި އެހީތައް ވެދެއްވަމުން ގެންދެވި ބޭފުޅެކެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި، ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުއްވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ. މީގެއިތުރުން، އައި.ޖީ.އެމް. ހޮސްޕިޓަލްގައި ޑައިލިސިސް މެޝިނެއް ބަހައްޓަވައި، އެކަމަށް ބޭނުންވާ މީހުން އަމިއްލަފުޅު ޚަރަދުގައި ތަމްރީނުކޮށްދެއްވިއެވެ. އަދި ސްޕެޝަލައިޒްޑް ރޮނގުތަކުން ޑޮކްޓަރުން ތަމްރީނު ކުރެއްވުމަށްޓަކައި ޑޮކްޓަރުން ރާއްޖެއިން ބޭރަށް ފޮނުއްވައި، ގިނަ ކުދިންނަށް ތަޢްލީމު ހާސިލުކުރުމުގެ ފުރްޞަތު ދެއްވަމުން ގެންދެވިއެވެ.
ސަރުކާރުގެ ޚިދުމަތް: މުޙަންމަދު ޢުމަރު މަނިކަކީ، 19 އަހަރަށްވުރެ ދިގު މުއްދަތުގައި ސަރުކާރަށްވެސް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ޚިދްމަތް ކުރައްވާފައިވަނީ، އެގްރިކަލްޗަރގެ ދާއިރާގައެވެ. ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ 5 ޖޫން 1971 ގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮފިސަރކަމުގެ މަޤާމެވެ. އޭގެފަހުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ފުރުއްވާފައިވެއެވެ. އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރގެ ނައިބުކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް ވަނީ އަދާކުރައްވާފައެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތީ 31 ޑިސެމްބަރ 1990 ގައެވެ. އަދި އޭގެފަހުން އެމް.އެމް.އޭ.ގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޚިދްމަތް ކުރައްވާފައިވެއެވެ. އައިލެންޑް އޭވިއޭޝަންގެ ޗެއަރމަންކަން 18 އޯގަސްޓް 2004 ގައި ސަރުކާރުން ޙަވާލުކުރެއްވީއްސުރެ އެ ކުންފުނި ކުރިއެރުވުމުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވިއެވެ.
ލިބިވަޑައިގެންނެވި ޝަރަފުތައް: މުޙަންމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ. މީގެ އިތުރުން މުޙައްމަދު އުމަރު މަނިކު ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރައްވައި އޭނާ އަށް ވަނީ 2011 ވަނަ ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުފާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި، މިއަދާ ހަމައަށްވެސް މުޙައްމަދު މަނިކު ހުންނެވީ، އަތުކުރި އޮޅާލައްވައިގެންނެވެ. ރާއްޖެއަކީ ފަތުރުވެރިންނަށް ޚާއްޞަ ޤައުމެއްގެ ގޮތުގައި އަދި ރާއްޖޭގެ ރިޒޯޓްތަކަކީ، ވަރަށް ފެންވަރު ރަނގަޅު ރިޒޯޓްތަކަކަށް ހެއްދެވުމަށް މުޙަންމަދު މަނިކު ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. މި މަސައްކަތުގައި އެމަނިކުފާނުގެ ޙިއްޞާ ވަރަށްބޮޑެވެ.
މުޙައްމަދު އުމަރު މަނިކުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގައެވެ. ޖަނާޒާ އޮންނާނީ އަސުރު ނަމާދަށްފަހު މަސްޖިދް ޕްސާރާ އަމަންގައެވެ.