ދުނިޔެ

ފަލަސްޠީނުގެ ރައީސް އ.ދ. ގެ ބައްދަލުވުމަކަށް ވަޑައިގަތުމަށް އެމެރިކާ އިން ހުރަސްއަޅައިފި

ފަލަސްޠީނުގެ ރައީސް އ.ދ. ގެ ބައްދަލުވުމަކަށް ވަޑައިގަތުމަށް އެމެރިކާ އިން ހުރަސްއަޅައިފި

ފަލަސްޠީނުގެ ރައީސް އ.ދ. ގެ ބައްދަލުވުމަކަށް ވަޑައިގަތުމަށް އެމެރިކާ އިން ހުރަސްއަޅައިފި.

farudhun logo

ފަރުދުން

30 އޯގަސްޓު 2025، 01:11

30 އޯގަސްޓު 2025، 01:11

މިއަންނަ މަހު ނިއު ޔޯކް ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ އ.ދ. ގެ ޢާންމު އެއްވުން ނުވަތަ ޖެނެރަލް އެސެމްބްލީ އަށް ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް ވަޑައިގަތުމަށް އެމެރިކާ އިން ހުރަސް އަޅައިފިއެވެ. މަޙްމޫދް ޢައްބާސްގެ އިތުރުން، ފަލަސްޠީނުގެ 80 އޮފިޝަލުންގެ ވިސާ އެމެރިކާ ސަރުކާރުން ވަނީ ބާޠިލުކޮށްފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާރކޯ ރޫބިއޯ ވަނީ މިކަމުގައި ފަލަސްޠީނު ކުށްވެރިކުރައްވާފައެވެ. އެޤައުމުން މިނިވަން ދައުލަތެއް ޤާއިމުކުރަން އެދުމަކީ އެމެރިކާގެ ނަޡަރުގައި "ކުށެއް" ކަމުގައި ވާތީއެވެ. އެމެރިކާ އިން މިނިންމުން ނިންމާފައިވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފަރަންސޭސިވިލާތުން ހުށަހަޅާފައިވުމާ ގުޅިގެންނެވެ.

ފަލަސްޠީނު އޮފިޝަލުންގެ ވިސާ ބާޠިލުކުރުމަށް އެމެރިކާ އިން ނިންމި މިނިންމުމާ ގުޅިގެން ރައީސް މަޙްމޫދް ޢައްބާސްގެ އިދާރާއިން ވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އ.ދ. ހެޑްކުއަރޓަރސް ގެ އެއްބަސްވުމާ ޚިލާފު ކަމެއް ކަން ފާހަގަކޮށްފައެވެ. އ.ދ. ގެ ދައުލަތަކާއި އެމެރިކާ އާ މެދު ސިޔާސީ ގޮތުން ކޮންމެ ފަދަ ގުޅުމެއް އޮތަސް، އެދައުލަތެއްގެ ވެރިއަކު ނިއު ޔޯކް ގަިއ އޮންނަ ބައްދަލުވުންތަކަށް ޙާޟިރުވުން މަނާކޮށްގެން ނުވާނޭ ކަމުގައި އ.ދ. ގެ އެއްބަސްވުމުގައި ޞަރީޙަކޮށް ބަޔާންވެގެންވެއެވެ. ވުމާއެކު، އެމެރިކާ އިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ފަލަސްޠީނުން ވަނީ ގޮވާލައިފައެވެ.

ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ.) އާއި ޕަލެސްޓިނިއަން އޮތޯރިޓީ (ޕީ.އޯ.) ގެ ބޭފުޅުންގެ ވިސާ ބާޠިލުކުރުމަށް އެމެރިކާ އިން ނިންމި މިނިންމުމަށް އިސްރާއީލުން ބޮޑު ތަރުޙީބެއް ދީފައިވެވެ. ނަމަވެސް އ.ދ. ގެ ތަރުޖުމާނު ސްޓެފަން ޑުޖަރިކް ވިދާޅުވީ، އ.ދ. ގެ ފަރާތުން އެމެރިކާ ސްޓޭޓް ޑިޕަރޓްމެންޓް އާ މިކަން މަޝްވަރާކޮށް، މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރާނޭ ކަމަށެވެ. ހުރިހާ ދައުލަތްތަކާއި ދާއިމީ ބެލުންތެރީން ބައްދލުވުމުގައި ތަމްޘީލުކުރެވުމަކީ މުހިންމު ކަމެއް ކަމުގައި ސްޓެފަން ފާހަގަކުރެއްވިއެވެ.

އ.ދ. ގެ 193 މެންބަރުންގެ ތެރެއިން 147 މްނެބަރުން ފަލަސްޠީނުގެ ދައުލަތް ބަލައިގަނެއެވެ. ފަރަންސޭސިވިލާތުގެ އިތުރުން، ޔޫ.ކޭ.، ކެނެޑާ، އަދި އޮސްޓްރޭލިޔާ އިން ވެސް ކުރިއަށް އޮތް އ.ދ. ބައްދަލުވުމުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ނިންމާފައިވެއެވެ. ނަމަވެސް، ފަލަސްޠީނުގެ ބިމުގެ އިންތަކެއް ކަނޑައެޅިފައި ނުވުމުން، އިސްރާއީލުން ދަނީ އެބިމުގައި ޢުދުވާނީ ޖަރީމާތައް ހިންގަމުންނެވެ. ފަލަސްޠީނުގެ ބިމުން އެއްވެސް ބައެއް ފަލަސްޠީނު މީހުންނަށް ދިނުމަކީ އިސްރާއީލުން ޚިޔާލަށް ފިކުރަށް ވެސް ގެންނަ ކަމެއް ނޫނެވެ. ވީމާ، ބައިނަލްއަޤްވާމީ ގޮތުން ފަލަސްޠީނީ ދައުލަތެއް ބަލައިގަތުމަކީ ވާޤިޢުގައި ކަންހިނގާ ހިތާމަވެރި ގޮތަށް މާ ބޮޑު ބަދަލެއް އަންނާނޭ ކަމެއް ކަމުގައި ނުބެލެވޭ ކަމަށް ކަމުގެ މާހިރުން ދެކިލައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން