ޚަބަރު
ދިވެހި މާއްދާގެ ދޭހައިގެ ސުވާލުތަކަށް އަހުލުވެރިކުރުމަށް ޚާއްޞަ ފޮތެއް ނެރެފި

ދިވެހި މާއްދާގެ ދޭހައިގެ ސުވާލުތަކަށް އަހުލުވެރިކުރުމަށް ޚާއްޞަ ފޮތެއް ނެރުން.

ފަރުދުން
30 އޯގަސްޓު 2025، 02:32
30 އޯގަސްޓު 2025، 02:32
ޘާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ދިވެހި މާއްދާގެ ދޭހައިގެ ސުވާލުތަކަށް އަހުލުވެރިކުރުމަށް ޚާއްޞަ ފޮތެއް ނެރެފިއެވެ. ފޮތް ލިޔުއްވީ، ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށްވާ އަލްއުސްތާޛު ޙަސަން ޒަހީނެވެ.
"އަޅުގަނޑުގެ ދޭހަ ފޮތް 2" ގެ ނަމުގައި އެކުލަވާލާފައިވާ މި ފޮތުގެ ލިޔުންތަކާއި ސުވާލުތައް ބައްޓަންކޮށްފައިވަނީ ޘާނަވީ ދަރިވަރުންގެ މުޤައްރަރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިފޮތް ރަސްމީކޮށް ނެރެދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އެޑްވައިޒަރު އަދި ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމިޓީގެ ރައީސް ޙަމްދޫން ޙަމީދެވެ.
ފޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފޮތުގެ މުޞައްނިފު ޙަސަން ޒަހީނު ވިދާޅުވީ، ދޭހައިގެ ފިލާވަޅުތައް ނަގައިދިނުމުގައި މި ފޮތް ވާނީ މުދައްރިސުންނަށް ލިބޭ ބޮޑު އެހީއަކަށް ކަމަށެވެ. އަދި ފޮތުގައި ހުރި ދޭހަތައް ބައްޓަންކޮށްފައިވަނީ ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ފަދަ ގޮތަކަށެވެ. މިފޮތުގައި ވަޒަންކުރުމާއި، މަތީ ދަރަޖައިގެ ސުވާލުތަކާއި، ޢާދައިގެ ގޮތަކަށް ވިސްނަން މަޖުބޫރުކުރުވާ ގިނަ ސުވާލުތަކެއް ހިމެނޭ ކަމަށް ޒަހީނު ވަނީ މަޢުލޫމާތު ދެއްވާފައެވެ.
"ކުދީން ޝައުޤުވެރިވާނެ ގޮތަކަށް ފޮޓޯއާއި މަންޡަރު ހިމަނާފައިވާނެ. ފޮތުގެ އެންމެ ފަހު ބައިގައި ހުރިހާ ދޭހައެއްގެ ޖަވާބު އޮންނާނެ. މި ފޮތުގައި ތަފާތު ދާއިރާތަކުގެ ލިޔުންތައް ހިމެނޭނެ." ޒަހީނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދޭހަ ފޮތް 2" އެކި ފޮތްފިހާރަތަކުގައި މިހާރު ލިބެން ހުންނާނެއެވެ. ފޮތުގެ އަގަކީ 150 ރުފިޔާއެވެ. މި ފޮތުގެ ކުރީގެ ބައި ("އަޅުގަނޑުގެ ދޭހަ ފޮތް 1") ނެރެފައިވަނީ 2013 ވަނަ އަހަރު، އޭރުގެ ދިވެހި މުޤައްރަރާ އެއްގޮތަށެވެ.