Ads by Farudhun

ޚަބަރު

ރަސްމާލެ މަޝްރޫޢާ ގުޅޭ ޚަބަރުތައް ގެނެސްދޭތީ ނޫސްވެރިންތަކަކަށް ފުރައްސާރަ ކުރަމުންދާ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ރަސްމާލެ މަޝްރޫޢާ ގުޅޭ ޚަބަރުތައް ގެނެސްދޭތީ ނޫސްވެރިންތަކަކަށް ފުރައްސާރަ ކުރަމުންދާ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ނޫސްވެރިންތަކެއް ބައްދަލުވުމެއްގައި / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2026، 08:15

28 އޮކްޓޯބަރު 2026، 08:15

ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންނަށް ފުރިހަމަ މަޢުލޫމާތު ގެނެސްދިނުމުގެ މަސައްކަތް ކުރަމުންދާ ދިވެހި ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރަމުންދާތީ އެ މައްސަލަ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަށް އެޑްރެސްކޮށް އެމްޖޭއޭ އިން ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން އެ ކުންފުނީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އިންތިޒާމުކުރި މީޑިއާ ދަތުރެއްގައި އެ ޤައުމަށް ދިޔަ ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރަމުންދާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

އެމްޖޭއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނޫސްވެރިންގެ ފޮޓޯތައް ބޭނުންކޮށްގެންނާއި، ޚާއްޞަ ވީޑިއޯތައް ހަދައިގެން އެ ފަރާތްތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދުބާއީގައި ތިބެގެން ނޫސްވެރިން ޚަބަރު ގެނެސްދިން ގޮތާއި އޭގެ އޭންގަލްތަކަށް ފާޑުކިޔުމުގެ އިތުރުން، އެ ފަރާތްތަކަކީ "ޚާއިނުން"، "ޒަޔަނިސްޓުން" އަދި "ޔަހޫދީން" ގެ ގޮތުގައި ސިފަކޮށް، އަބުރު ކަތިލުމަށް ދަށު ދަރަޖައިގެ ބަސްމަގު ބޭނުންކޮށްފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެ ޖަމްޢިއްޔާއިން ބުނީ، ނޫސްވެރިން މަސައްކަތް ކުރަނީ އެ ބަޔަކު ނިސްބަތްވާ މީޑިއާ އިދާރާތަކުގެ އެޑިޓޯރިއަލް ޕޮލިސީތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާއިރު، ޕްރޮފެޝަނަލް ޒިންމާ އަދާކުރުމުގެ ސަބަބުން ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ޙަމަލާތައް ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި އެ މީހުންގެ ޢާއިލާތަކަށް ނަފްސާނީ ގޮތުން ބޮޑެތި ބިރުވެރިކަމެއް ކުރިމަތިވެ، ޖިސްމާނީ ސަލާމަތަށް ވެސް ނުރައްކާ އޮތް ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރިއެވެ. މީގެ އިތުރުން، ޔޫއޭއީ ދަތުރުގެ ކުރިންވެސް ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް ކުރިމަތިވާ ފުރައްސާރަ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން ގޮސްފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމްޖޭއޭ އިން ހުށަހަޅާފައިވާ މައިގަނޑު ކަންކަމަކީ:

  1. މި މައްސަލައަކީ އަވަސް އަދި ޚާއްޞަ އިސްކަމެއް ދޭންޖެހޭ މައްސަލައެއްގެ ގޮތުގައި ބަލައިގަނެ، ނޫސްވެރިންގެ އަބުރު ކަތިލުމަށް ކެމްޕޭން ހިންގާ ފަރާތްތަކުގެ މައްސަލަ ރަސްމީކޮށް ތަޙުޤީޤުކުރުން.
  2. ފުރައްސާރައާ ކުރިމަތިލާންޖެހިފައިވާ ނޫސްވެރިންނަށް އޮތް ސަލާމަތީ ނުރައްކާތައް ވަޒަންކުރުމަށް ކުއްލި އެސެސްމެންޓެއް ހެދުން.
  3. ނޫސްވެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ އެކަށީގެންވާ ޙިމާޔަތް ހަމަޖައްސައިދިނުން.

މީގެ އިތުރުން، އެމްޖޭއޭ އިން ވަނީ ސްޕޮންސަރޑް ކޮންޓެންޓާއި މިނިވަން ޚަބަރާއި މަޢުލޫމާތު ވަކިކޮށް، ދެފުށް ފެންނަ އުޞޫލަކުން ކަންކަން ބެހެއްޓުމަށް ރާއްޖޭގެ ހުރިހާ މީޑިއާ އިދާރާތަކަށާއި އެޑިޓަރުންނަށް ގޮވާލާފައެވެ. އަދި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑަށް އިޙްތިރާމްކޮށް، ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލުނަނުދިނުމަށާއި، މަސައްކަތްކުރާ ނޫސްވެރިން ނުރައްކަލުގެ ތެރެއަށް ހުށަނޭޅޭނޭހެން ޕްރޮމޯޝަނަލް ކޮންޓެންޓް ސާފުކޮށް އެނގޭނެހެން ފާހަގަކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.

އެމްޖޭއޭ އިން ވަނީ ނޫސްވެރިންގެ ޙައްޤުތަކާއި ސަލާމަތްތެރިކަން ދިފާޢުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވައި، ވާޖިބު އަދާކުރަމުންދާ ނޫސްވެރިން ނުރައްކަލަށް ހުށަހެޅޭ ފަދަ އެންމެހައި ޢަމަލުތަކުން ދުރުހެލިވުމަށް ޢާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450