Ads by Farudhun

ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ވީއައިއޭ ނޮމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ވީއައިއޭ ނޮމިނޭޓްވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2026، 07:05

28 އޮކްޓޯބަރު 2026، 07:05

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ މުހިންމު ދެ ކެޓަގަރީއަކަށް ދިވެހިރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.

އެގޮތުން ވީއައިއޭ ނޮމިނޭޓްވެފައިވަނީ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026" އަދި "ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" މި ދެ ކެޓަގަރީއަށެވެ. ދުނިޔޭގެ ފެންވަރުގެ މި އެވޯޑުތަކަށް ވީއައިއޭ ނޮމިނޭޓްވެފައި މިވަނީ، މި އަހަރު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026" ގެ ލަގަބު އެ އެއާޕޯޓުން ކާމިޔާބުކޮށްފައިވާތީއެވެ.

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓު ހޮވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް" ކެޓަގަރީގައި ވީއައިއޭއާއެކު ދުނިޔޭގެ ނަން މަޝްހޫރު އަދި ބޮޑެތި 21 އެއާޕޯޓަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ މަޝްހޫރު ޗަންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ތުރުކީވިލާތުގެ އިސްތަންބޫލު އައިޖީއޭ އެއާޕޯޓު ހިމެނެއެވެ. މީގެއިތުރުން އެމެރިކާގެ އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓު އަދި ސްވިޒަލޭންޑުގެ ޒިއުރިކް އެއާޕޯޓުވެސް މި ލިސްޓުގައި ހިމެނެއެވެ.

ހަމައެއާއެކު، ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރަށް ބަލައި ދޭ "ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީން ދުނިޔޭގެ ފާހަގަކޮށްލެވޭ 12 އެއާޕޯޓަކާ ވީއައިއޭއިން ވާދަކުރާނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އަދި އެންމެ މަގުބޫލު މަންޒިލުތައް ފާހަގަކުރުމަށް ދެމުން އަންނަ އެވޯޑެކެވެ. ރާއްޖެއިން އަންނަނީ ކޮންމެ އަހަރަކުވެސް މި އެވޯޑުގެ އެކި ދާއިރާތަކުން ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކުރަމުންނެވެ. އެގޮތުން، މި އަހަރުވެސް ރާއްޖެއިން ވަނީ 7 ވަނަ ފަހަރަށް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ އެވޯޑަށް ނޮމިނޭޓްވެފައެވެ. ރާއްޖެއިން ވަނީ މި ޝަރަފުވެރި އެވޯޑު މީގެ ކުރިން 6 ފަހަރެއްގެ މަތިން ކާމިޔާބުކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ޗާޓުގައި ދިވެހިރާއްޖޭގެ ނަން ރަންއަކުރުން ފަވާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450