Ads by Farudhun

ޚަބަރު

ޒަކާތުގެ މަންފާ ލިބޭ ފަރާތްތައް ބާރުވެރިކުރުވުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފި

ޒަކާތުގެ މަންފާ ލިބޭ ފަރާތްތައް ބާރުވެރިކުރުވުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފި

ޒަކާތު ކޮންފަރެންސްގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޮކްޓޯބަރު 2026، 06:34

28 އޮކްޓޯބަރު 2026، 06:34

ޒަކާތުގެ މަންފާ ލިބޭ ފަރާތްތައް ބާރުވެރިކުރުވައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އާއިލާތަކަށް ދެމެހެއްޓެނިވި އިގުތިސާދީ މިނިވަންކަން ހޯދައިދިނުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް، އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ދެވަނަ ސެޝަންގެ ޕެނަލިސްޓުން މިއަދު ގޮވާލައްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ފެށިގެން ކުރިއަށްދާ މި ކޮންފަރެންސްގެ ދެވަނަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ”އެކަހެރިކޮށް މަސައްކަތްކުރުމުގެ އާދަ ނައްތާލުން: ދެމެހެއްޓެނިވި ގޮތެއްގައި ފަޤީރުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމަށް ޓަކައި، ލާމެހިފައިވާ ޤައުމީ ނިޒާމެއް ބިނާކުރުން“ މި މައުޟޫއަށެވެ. މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވުނީ ސަރުކާރުގެ އިދާރާތަކާއި، ޒަކާތް ބަލަހައްޓާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން، އެހީ ލިބޭ ފަރާތްތަކަކީ މާލީ އެހީއަށް އެކަނި ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ބަޔަކަށް ހެދުމުގެ މައްޗަށެވެ.

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް، މައިންޑްކޯގެ ހެޑް އޮފް ޑިޖިޓަލް ސޮލިއުޝަންސް މުޙައްމަދު އަރުޝަދު، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސޯޝަލް ސާވިސަސް ކޯޑިނޭޓަރ ޢަބްދުﷲ އަޝްރަފް، އަދި މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓް ޙަސަން ޝަމާމެވެ. ސެޝަން މޮޑަރޭޓްކޮށްދެއްވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ ޢާއިޝަތު ޝައްމާ އާމިރެވެ.

މަޝްވަރާތަކުގައި ޕެނަލިސްޓުން ވަނީ އެހީ ބޭނުންވާ ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ކަރާމާތް ރައްކާތެރިކުރުމާއެކު، އިދާރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާއާއި، އާމްދަނީ ފަދަ ކަންކަމުގައި އެހީ ފޯރުކޮށްދިނުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ދޭ އެހީތައް ފުށުއެޅުމާއި، ބައެއް މީހުންނަށް އެހީ ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށް އެއް އަމާޒަކަށް ވިލަރެސްކޮށް މަސައްކަތްކުރަން ޖެހޭކަން ބައިވެރިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކުރުމުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކުރުމާއި، ޒަކާތާއި ވަގުފު އަދި އިސްލާމިކް މައިކްރޯފައިނޭންސް ގުޅުވައިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، އެހީ ލިބޭ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މަގުތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ޤައުމީ ފެންވަރުގެ ހަރުދަނާ އިންތިޒާމެއްގެ ތެރެއިން މަސައްކަތްކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450