ޚަބަރު
ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް

މާލޭގެ ނޯތު ހާބަރު، ފޮޓޯ: ޕީއެސްއެމް

ފަރުދުން
30 އޯގަސްޓު 2025، 02:38
30 އޯގަސްޓު 2025، 02:38
ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެގޮތުން، ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ އެ އިދާރާއިން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލުނެރެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހއ އަތޮޅުން މ އަތޮޅަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މި ސަރަޙައްދުތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް 52.8 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
އަދި ފާއިތުވި 24 ގަޑިއިރުތެރޭގައި ވިލާގަނޑުގައި އެންމެ ވައި ގަދަވެފައި ވަނީ ބ. ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް 41 މޭލަށް ވައިގަދަވެފައިވެއެވެ.
އެހެންކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.