ޚަބަރު
އިލެކްޝަންސްގެ ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް

އިލެކްޝަންސްގެ ވޯކް-އިން އިންޓަވިއު. ފޮޓޯ: އީސީ
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ފެށި ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދީފައިވާގޮތުގައި، މާލޭގެ ކަލާފާނު ސްކޫލްގައި އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދިޔަ އިންޓަވިއުއަށް 100 އަށްވުރެ ގިނަ ފަރާތުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންކަމަށް ވެސް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި، ވަޒީފާއަށް އެދި ފޯމު ހުށަހެޅި ދާއިރާތަކުގެ ތެރެއިން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ މަޤާމަށެވެ. މި ވޯކް-އިން އިންޓަވިއު މިއަދުވެސް ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންގޮސްފައިވެއެވެ.
އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވަނީ ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާތަކަށެވެ. އިންޓަވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ސީވީގެ ކޮޕީ ގެންދިއުމަށް ވަނީ އެދިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް، ވަޒީފާގެ މާހައުލުގައި ސަމާލުކަންދޭންވީ ކަންކަމާއި އިންތިޚާބެއް ކުރިއަށްދާއިރު އެ ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތައް ދަސްކޮށް، ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، އެކި ދާއިރާތަކުގެ މަސައްކަތްތައް ދަސްވެގެންދާނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.