ކުޅިވަރު

ޤައުމީ ޓީޓީ މުބާރާތް: ފައިނަލުގައި ދީމާއަށް އެއްވެސް ސެޓެއް ނުދީ، ރަފާ މެޗު ކާމިޔާބުކޮށްފި

ޤައުމީ ޓީޓީ މުބާރާތް: ފައިނަލުގައި ދީމާއަށް އެއްވެސް ސެޓެއް ނުދީ، ރަފާ މެޗު ކާމިޔާބުކޮށްފި

63ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 3ވަނަ ފަހަރަށް ރަފާ ކާމިޔާބުކުރުން، ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޯގަސްޓު 2025، 06:48

31 އޯގަސްޓު 2025، 06:48

ފައިނަލުގައި ފާތިމަތު ދީމާ އަލީއަށް އެއްވެސް ސެޓެއް ނުދީ، ސީދާ ހަތަރު ސެޓުން 63ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް އައިޝަތު ރަފާ ނާޒިމް ކާމިޔާބުކޮށްފިއެވެ. 

މެޗުގައި ފުރަތަމަ ލީޑު ނެގީ ދީމާއެވެ. އަދި ދެވަނަ ޕޮއިންޓާ ހަމައިން މެޗު ނިމެންދެން ވެސް ރަފާ ވަނީ ލީޑު ދަމަހައްޓާފައެވެ. މި ލީޑުގައި ކުރިޔަށް ގޮސް ފުރަތަމަ ސެޓާއި ދެވަނަ ސެޓު ވެސް ރަފާ ކާމިޔާބުކުރީ 11-9އިންނެވެ. 

ތިންވަނަ ސެޓުގައި ރަފާ ވަނީ ކުރިން ދެ ސެޓަށް ވުރެ މޮޅަށް ކުޅެފައެވެ. އެގޮތުން އެ ސެޓު 11-6އިން ކާމިޔާބުކުރުމަށްފަހު، މެޗުގެ ފަހު ސެޓު ކާމިޔާބުކުރީ 15-13އިންނެވެ. ފަހު ސެޓުގައި ދީމާ ވަނީ ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. ނަމަވެސް ދީމާއަށް ސެޓު ގެންދިއުމުގެ ފުރުސަތު ނުދީ ރަފާ ވަނީ ސީދާ 4 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފައިނަލަށް ރަފާ ދަތުރުކުރީ ސެމީފައިނަލްގައި މިޝްކާ މުޙައްމަދު އިބްރާޙިމް ބަލިކުރުމަށްފަހުއެވެ. 

ރަފާ މި މުބާރާތަށް ނިކުތީ ގިނަ ދުވަސްތަކެއް ވަންދެން ވާދަވެރި މެޗުތަކެއް ނުކުޅެ ހުރުމަށްފަހުއެވެ. އެއީ އޭނާ އެމްބީބީއެސް ހެދުމަށް މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅެމުން ދާތީއެވެ. 

މިއީ މި މުބާރާތް ރަފާ ކާމިޔާބުކުރި 3ވަނަ ފަހަރެވެ. އެންމެ ގިނައިން ސިންގަލްސް އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދީމާއެވެ. ދީމާ ވަނީ 5 ފަހަރު ޤައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން