ކުޅިވަރު

އެފްއޭއެމް ފުޓްސަލް މުބާރާތް: އިތުރު ވަގުތު ވިލްފް ކާމިޔާބުކުރި ދެ ލަނޑުން ތިމަރަފުށި ފައިނަލަށް

އެފްއޭއެމް ފުޓްސަލް މުބާރާތް: އިތުރު ވަގުތު ވިލްފް ކާމިޔާބުކުރި ދެ ލަނޑުން ތިމަރަފުށި ފައިނަލަށް

ތިމަރަފުށީގެ މުހައްމަދު ވިލްފް / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ނޮވެމްބަރު 2026، 04:43

25 ނޮވެމްބަރު 2026، 04:43

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސައުތު ޒޯން 1 ގެ ސެމީފައިނަލްގައި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މުޙައްމަދު ވިލްފް ކާމިޔާބުކޮށްދިން ދެ ލަނޑުން އިސްދޫ ބަލިކޮށް، މުބާރާތް ބާއްވާ ތިމަރަފުށިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ސެމީ ފައިނަލް މެޗުގައި އިސްދޫން ދެ ފަހަރެއްގެ މަތިން ކުރިހޯދިއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް 3-2 އިން ކުރިހޯދައި އެ ޓީމު ފައިނަލާ ގާތަށް ޖެހިލިއެވެ. ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ތިމަރަފުށީގެ ވިލްފް ޖެހި ދެ ލަނޑާއެކު މުޅި މެޗުގެ ނަތީޖާ ބަދަލުވިއެވެ.

މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޙުސައިން އަފްޚާން ވަނީ ލަނޑެއް ޖަހައި އިސްދޫއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ތިމަރަފުށިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އިބްރާހީމް އަސްވަދު އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މުޙްސިން މޮންތަޒެމީ ވަނީ ލަނޑެއް ޖަހައި 2-1 އިން ތިމަރަފުށްޓަށް ކުރިހޯދައިދީފައެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި މުޙައްމަދު ނާބިތު ޙުސައިން ކާމިޔާބުކުރި ލަނޑުން އިސްދޫން މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކުރިއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ތިން މިނެޓަށް ވެފައިވަނިކޮށް، އަފްޚާން އޭނާގެ ދެވަނަ ލަނޑު ޖަހައި 3-2 އިން އިސްދޫއަށް އަލުން ލީޑު ހޯދައިދީ، ފައިނަލުގެ އުންމީދު އާކޮށްދިނެވެ.

އެހެންނަމަވެސް، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ތިމަރަފުށިން ހިތްވަރު އެލުވައެއް ނުލިއެވެ. ޓީމަށް އެންމެ ބޭނުންވި ދަނޑިވަޅުގައި ވިލްފް ކާމިޔާބުކުރި ދެ ލަނޑާއެކު، ތިމަރަފުށިން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި ވާދަވެރި އެއް މެޗުން ހޯދި މި ތާރީޚީ މޮޅާއެކު، ތިމަރަފުށި މިވަނީ ސައުތު ޒޯން 1 ގެ ފައިނަލުން ޖާގަ ހޯދާފައެވެ. ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނިކުންނާނީ ދެއްވަދޫއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450