ކުޅިވަރު

ވާދޫ ބަލިކޮށް ސައުތު ޒޯން 2 ގެ ޗެމްޕިއަންކަން ފުވައްމުލަކުން ހޯދައިފި

ވާދޫ ބަލިކޮށް ސައުތު ޒޯން 2 ގެ ޗެމްޕިއަންކަން ފުވައްމުލަކުން ހޯދައިފި

ފުވައްމުލަކުން ތަށި އުފުލާލުން / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ނޮވެމްބަރު 2026، 05:19

24 ނޮވެމްބަރު 2026، 05:19

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސައުތު ޒޯން 2 ގެ ފައިނަލް މެޗުގައި ގދ. އަތޮޅުގެ ޗެމްޕިއަން ވާދޫ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ފުވައްމުލަކު ސިޓީން ހޯދައިފިއެވެ.

ވާދަވެރި ކުޅުމަކަށްފަހު ފުވައްމުލަކުން މި މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުވައްމުލަކުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު އަޖުމަލް އަދި އިނާން އަޙްމަދެވެ.

މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ފުވައްމުލަކަށް ލީޑު ނަގައިދިނީ އަޙްމަދު އަޖުމަލްއެވެ. މި ލަނޑަކީ މުޙައްމަދު ވިޝާހު ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން ފުވައްމުލައް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ފުވައްމުލަކުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އަލީ ޝަމާލް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް، ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކުރީ އިނާން އަޙްމަދެވެ. ދެ ލަނޑުގެ ލީޑެއް ފުވައްމުލަކުން ނެގި ނަމަވެސް، މެޗުގެ ތެރެއަށް އެނބުރި އައުމަށް ވާދޫ ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެހެންނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ނުހިފުމުގެ ނަތީޖާއަކަށް ވީ ފުވައްމުލަކުން ލީޑު ދަމަހައްޓައި މުބާރާތުގެ ތަށި އުފުލައިލުމެވެ.

ޖުމްލަ ތިން ޓީމު ވާދަކުރި މި ޒޯނުގެ ކުޅުން ކުރިއަށްދިޔައީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ގްރޫޕް ސްޓޭޖުގައި ފުވައްމުލަކާއި ވާދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ފައިނަލް މެޗުގައި ފުވައްމުލަކުން މި ހޯދި މޮޅަކީ ގްރޫޕް މެޗަށްފަހު ވަރުގަދަ އަޒުމެއްގައި ނުކުމެ ހޯދި ފުރިހަމަ ކާމިޔާބީއެކެވެ.

މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ވަކިވަކި ކުޅުންތެރިންނަށް ދިން އިނާމުތަކަށް ބަލާއިރު، ސައުތު ޒޯން 2 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފުވައްމުލަކު ޓީމުގެ އަލީ ޝަމާލް ޢަބްދުﷲ އެވެ. އެންމެ މޮޅު ކޯޗަކަށް ފުވައްމުލަކު ޓީމުގެ އިބްރާހީމް ރަޝީދު ހޮވުނުއިރު، އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބުނީ ފަރެސްމާތޮޑާ ޓީމުގެ އަލީ ޝަހުމް އަށެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފުވައްމުލަކު ޓީމުގެ ޢަބްދުﷲ ރަޝީދު އަދި އަލީ ޝަމާލް ޢަބްދުﷲ ގެ އިތުރުން ވާދޫ ޓީމުގެ މުޙައްމަދު އިޔާދު ޢަލީ، އިބްރާހީމް ޝައުފް މުޙައްމަދު އަދި ޒައިދާން އަޙްމަދެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450