ކުޅިވަރު

ކުޑަހުވަދޫއިން ފަހަތުން އަރައި ދަރަނބޫދޫ ބަލިކޮށް، ފައިނަލުން ޖާގަ ހޯދައިފި

ކުޑަހުވަދޫއިން ފަހަތުން އަރައި ދަރަނބޫދޫ ބަލިކޮށް، ފައިނަލުން ޖާގަ ހޯދައިފި

ކުޑަހުވަދޫގެ ޖުމައިލް ބޯޅަ ހިފައިގެން / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ނޮވެމްބަރު 2026، 03:10

24 ނޮވެމްބަރު 2026، 03:10

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސެންޓްރަލް ޒޯން 2 ގެ ސެމީ ފައިނަލުގައި ދެ ލަނޑުން ފަހަތުގައި އޮވެ، ފަހަތުން އަރައި ދަރަނބޫދޫ ބަލިކުރުމަށްފަހު ކުޑަހުވަދޫއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކުޑަހުވަދޫގެ އަކިރޭރޭ ފުޓްސަލް ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި ފޯރިގަދަ މެޗުގައި ދެ ޓީމުންވެސް ރަނގަޅު ފުރުސަތުތަކެއް ހޯދިއެވެ. 

މެޗުގައި ދަރަނބޫދޫއިން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ފަހު މިނެޓުގައި ޒަލޫފް ޙަސަން ކާމިޔާބުކުރި ގޯލުންނެވެ. އަދި އެ ޓީމުން ލީޑު ފުޅާކުރީ، ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި، އީރާނަށް ނިސްބަތްވާ ސޮރޫޝް ޝެއިޚުލްހަރަމް މަޝްހަދީ ހަނި އޭންގަލުން ކާމިޔާބުކުރި ލަނޑުންނެވެ. 

ނަމަވެސް، އޭގެ އެއް މިނެޓު ފަހުން ކުޑަހުވަދޫއިން ވަނީ މެޗުގެ ތެރެއަށް އެނބުރި އައިސްފައެވެ. ދަރަނބޫދޫގެ ޑިފެންޑަރަކު ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ކުޑަހުވަދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ އުންމީދު އާކޮށްދިނީ އަރީފް މަޙްމޫދެވެ. ކުޑަހުވަދޫއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވެސް އޭނާއެވެ. 

ކުޑަހުވަދޫއިން ކުރިއަށްޖެހި ކުރަމުންދިޔަ ހިތްވަރުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 34 ވަނަ މިނެޓުގައި ޖުމައިލް ޖަމީލް ވަނީ ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ ފަހު ވަގުތުކޮޅު ފެނިގެންދިޔައީ ވަރަށް ނުތަނަވަސްކޮށެވެ. ކުޑަހުވަދޫގެ އަރީފަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން، އެ ޓީމަށް ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށް ލީޑު ދިފާއުކުރާށެވެ. މި ވަގުތު ކުޑަހުވަދޫގެ ކީޕަރު މުހިންމު ސޭވްތަކެއް ކުރިއިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ދަރަނބޫދޫގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅައެއް ރޮނގުމަތިން ސަލާމަތްކުރީ ޖުމައިލްއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ނިލަންދޫ ވަނީ 3-2 އިން ކެޔޮދޫ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. މިއާއެކު، ސެންޓްރަލް ޒޯން 2 ގެ ތަށި ހޯދުމަށް ކުޅޭ ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނީ ކުޑަހުވަދޫ އަދި ނިލަންދޫއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450