ކުޅިވަރު

ސައްތައިން ސައްތަ ރެކޯޑަކާއެކު ބީޗު ވޮލީގެ ތިން ތަށި އެޗްޑީސީން ކާމިޔާބުކޮށްފި

ސައްތައިން ސައްތަ ރެކޯޑަކާއެކު ބީޗު ވޮލީގެ ތިން ތަށި އެޗްޑީސީން ކާމިޔާބުކޮށްފި

ބީޗް ވޮލީގެ މުބާރާތްތައް ކާމިޔާބުކުރި އެޗްޑީސީގެ ޓީމު ހުދު ޖާޒީގައި / ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

23 ނޮވެމްބަރު 2026، 09:57

23 ނޮވެމްބަރު 2026، 09:57

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރި ބީޗު ވޮލީބޯޅައިގެ ތިން މުބާރާތުގެ ޗެމްޕިއަންކަން، ސައްތައިން ސައްތަ ރެކޯޑަކާއެކު ކްލަބް އެޗްޑީސީން ކާމިޔާބުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

މި ތިން މުބާރާތުގައި ވެސް ކްލަބް އެޗްޑީސީ ތަމްސީލުކޮށް، ތަށިތައް ހޯދައިދިނީ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ޕެއާއިންނެވެ. އެ ދެ ކުޅުންތެރިން ވަނީ މި ތިން މުބާރާތުގައި އެކުގައި ކުޅުނު ޖުމުލަ 12 މެޗުން ވެސް މޮޅުވެ، ބަލިނުވެ މުބާރާތްތައް ފުރިހަމަކޮށްފައެވެ.

މި ކާމިޔާބީތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކުރިއަށްދިޔައީ މި އަހަރުގެ ނޮވެންބަރު މަހުގެ 9 އިން 13 އަށް ބޭއްވި ބީޗް ވޮލީ ޗެމްޕިއަންޝިޕެވެ. ޖުމުލަ 18 ޓީމު ވާދަކުރި މި މުބާރާތުގައި އެޗްޑީސީގެ ފަރާތުން ތިން ޓީމެއް ވާދަކުރިއެވެ. 

ކްލަބް އެޗްޑީސީ 1: އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން

ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްއަދު

ކްލަބް އެޗްޑީސީ 3: އަލީ ނިމާލް އަދި ހުމާމް ހަސަން


މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ 1 އިން ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ.

ދެވަނަ މުބާރާތެއްގެ ގޮތުގައި ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔައީ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކުރި ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގެވެ. މާލޭ ބީޗް ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި ލީގުގައި އެޗްޑީސީ ތަމްސީލުކުރީ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިން އެކަންޏެވެ. މި މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ލީގުގެ ޗެމްޕިއަންކަން ވެސް އެ ޓީމުން ވަނީ ކަށަވަރުކޮށްފައެވެ.

އެޗްޑީސީން އެންމެ ފަހުން ކާމިޔާބުކުރި ތައްޓަކީ ނޮވެންބަރު 18 ވަނަ ދުވަހު ބޭއްވި ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕެވެ. ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ވާދަކުރި މި މުބާރާތުގައި ވެސް އެ ކޯޕަރޭޝަން ތަމްސީލުކުރީ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންނެވެ. މި މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ފަސޭހަކަމާއެކު މޮޅުވެ، މުބާރާތުގެ ތަށި އެ ޓީމުން ވަނީ އުފުލައިލާފައެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި މިފަދަ މުބާރާތްތަކުގައި އެ ކޯޕަރޭޝަނުން ބައިވެރިވުމުގެ މައިގަނޑު އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ. އަދި ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މުވައްޒަފުންނަށް ހިތްވަރުދީ، އެ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް ކޯޕަރޭޝަންގެ މުހިންމު މަގުސަދެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450