ކުޅިވަރު

އެފްއޭއެމް ޒޯން ފުޓްސަލް: ވިލިނގިލި ބަލިކޮށް ދެއްވަދޫއިން ސެމީގެ ޖާގައެއް ހޯދައިފި

އެފްއޭއެމް ޒޯން ފުޓްސަލް: ވިލިނގިލި ބަލިކޮށް ދެއްވަދޫއިން ސެމީގެ ޖާގައެއް ހޯދައިފި

ދެއްވަދޫ އާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ނޮވެމްބަރު 2026، 03:28

23 ނޮވެމްބަރު 2026، 03:28

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސައުތު ޒޯން 1 ގައި 3-5 ގެ ނަތީޖާއަކުން ގއ. ވިލިނގިލި ބަލިކޮށް، އެ އަތޮޅު ދެއްވަދޫއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ތިމަރަފުށީ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި މެޗު ދެއްވަދޫއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ. ފުރަތަމަ މިނެޓުގައި އަލީ ހޮދާދާދީ ދެއްވަދޫއަށް ލީޑު ނަގައިދިންއިރު، ހަތަރުވަނަ މިނެޓުގައި އަލީ ހައިސަމް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ހަތްވަނަ މިނެޓުގައި ރާހިލް ރަޝީދު ވަނީ ދެއްވަދޫގެ ތިންވަނަ ލަނޑު ޖަހައި ނަތީޖާ 0-3 އަށް ބަދަލުކޮށްލާފައެވެ.

ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލިނގިލިން ވަނީ ކުޅުން ރަނގަޅުކޮށް ދެ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ވަޖީހު އަދި ޙަސަން ޒައިދާންއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 2-3 އިން ދެއްވަދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އަނެއްކާވެސް ފެނިގެންދިޔައީ ދެއްވަދޫގެ ރާހިލްގެ މޮޅު ކުޅުމެވެ. މެޗުގެ 30 އަދި 32 ވަނަ މިނެޓުގައި ލަނޑު ޖަހައި، އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށް އަލުން ދެއްވަދޫއަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ވިލިނގިލީގެ ވަޖީހު އޭނާގެ ދެވަނަ ލަނޑު ޖެހި ނަމަވެސް، އިތުރު ލަނޑެއް ޖަހައިގެން މެޗުގެ ނަތީޖާ އަނބުރާލުމަށް ވިލިނގިއްޔަށް އިތުރު ފުރުޞަތެއް ނުލިބުނެވެ. މި މޮޅާއެކު ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދަތުރުކުރީ ދެއްވަދޫގެ އިތުރުން ތިމަރަފުއްޓެވެ.

މި މުބާރާތުގެ ގްރޫޕް ބީ ގައި ވާދަކޮށް ވޭމަންޑޫ ވަނީ ލ. ގަން ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ވޭމަންޑޫގެ ކީޕަރު ތޮލާލް ޙަސަން ވަނީ މޮޅު ސޭވްތަކެއް ކޮށް، ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ވޭމަންޑޫގެ ބްރެޒިލް ކުޅުންތެރިޔާ އެ ޓީމަށް ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ޞޮލާޙް ޢަލީ ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އިބްރާހީމް ނަސީހު ގަމަށް ލަނޑެއް ޖަހައިދީ އުންމީދު އާކޮށްދިނެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ގަމަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް 10 މީޓަރު ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް، ޙަސަން ޝިހުބާން ފޮނުވާލި ޕެނަލްޓީ، ވޭމަންޑޫގެ ކީޕަރު ތޮލާލް ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށް ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450