ކުޅިވަރު

"ރަސްވާދަ" ކާމިޔާބުކޮށް ވިކްޓަރީއިން ބޮޑު ލީޑެއް ނަގައިފި

"ރަސްވާދަ" ކާމިޔާބުކޮށް ވިކްޓަރީއިން ބޮޑު ލީޑެއް ނަގައިފި

ވިކްޓަރީގެ ރިޒްވާން ބޯޅަ ހޯފައިގެން ދަނިކޮށް ނިއު ރޭޑިއަންޓްގެ ކުޅުންތެރިއަކު ހުރަސްއަޅަނީ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ނޮވެމްބަރު 2026، 08:18

23 ނޮވެމްބަރު 2026، 08:18

ދިވެހި ޕްރިމިއާ ލީގުގައި ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް 2-1 އިން ކުރިހޯދައި، ތާރީޚީ "ރަސްވާދަ" ކާމިޔާބުކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ބޮޑު ލީޑެއް ނަގައިފިއެވެ. މިއީ މި ސީޒަނުގެ ލީގުގައި ނިއު ރޭޑިއަންޓް ބަލިވި ފުރަތަމަ މެޗެވެ.

ފޯރިގަދަ ކުޅުމަކާއެކު ފެށުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސްކުރީ ވިކްޓަރީންނެވެ. މަޓިއަސް ހެނާންޑޭޒްއަތުން ބޯޅައެއް ހޯދުމަށްފަހު، ވިކްޓަރީގެ ނާއިޒް ހަސަން (ދާދު) ފޮނުވާލި ހަމަލާ ދިފާއުކުރީ އަނިޔާއިން އެނބުރި އައިސް ނިއުގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލްއެވެ.

ނަމަވެސް، މެޗުގެ 19 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު ފޯވާޑް އަލްހާޖީ ގެރޯ މި ލަނޑު ކާމިޔާބުކުރީ އަލީ ޝާމިސް ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ވިކްޓަރީން ލީޑު ނެގި ނަމަވެސް، ނިއު ރޭޑިއަންޓުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ޑޮރިއެލްޓަން ގޯމޭސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން، ވަރަށް ހަމަޖެހިލާފައި ވާތު ފައިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނިއުއަށް މި ލަނޑު ޖަހައިދިނީ މުހައްމަދު ނާއިމްއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ދަނޑުމަތީގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި ދެ ޓީމުގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެގޮތުން، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އުޅަނބޮށިން ހަމަލާދިން މައްސަލައިގައި ވިކްޓަރީގެ މިރްޖަލޮލް ކަސިމޯވްއަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، އެކަމާ ރައްދުދީ ހިންގި އަމަލަކާ ގުޅިގެން ނިއުގެ ލަނޑު ޖެހި ނާއިމްއަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއާއެކު ދެ ޓީމުން ވެސް މެޗުގެ ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުގައި ހިނގި ހަމނުޖެހުމާ ގުޅިގެން ރަތްކާޑު ދައްކަނީ / ފޮޓޯ: އެފްއޭއެމް

ވިކްޓަރީން މެޗުގެ ލީޑު އަލުން އަނބުރާ ހޯދައި، މޮޅު ކަށަވަރުކުރީ އަހުމަދު ރިޒުވާން (ރިޒޭ) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ރީތި ބޯޅައެއް، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލްހާޖީ ގެރޯ ކާމިޔާބުކުރި އޭނާގެ ދެވަނަ ލަނޑުންނެވެ.

މި މޮޅާއެކު ވިކްޓަރީން ވަނީ ވާދަވެރި ނިއު ރޭޑިއަންޓްގެ މައްޗަށް ކުރިހޯދައި، ލީގު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ. ވިކްޓަރީއަށް 7 މެޗުން 19 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މާޒިޔާއަށް 6 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް މިއަދު ހަވީރު ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ، ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު 3 ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450