ކުޅިވަރު
ދިއްދޫއިން ސިއްސުވާލި ނަމަވެސް، މާޒިޔާއިން ދެވަނަ ހާފުގައި ނަތީޖާ ބަދަލުކޮށް ފަރަގު ކުޑަކޮށްފި
ގޯލު ކާމިޔާބުކުރުމަށްފަހު އިލާން އާއި ލޫތު އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު 2026 ގައި ފަހަތުން އަރައި 2-5 ގެ ނަތީޖާއަކުން ދިއްދޫ ސްޕޯޓްސް ކްލަބް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެމެދު އޮތް ފަރަގު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދިއްދޫއިން ވަނީ ގޯލެއް ކާމިޔާބުކޮށް މާޒިޔާ ސިއްސުވާލާފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ވައަތު ފައިން ފޮނުވާލި ހަމަލާއަކުން ދިއްދޫއަށް ލީޑު ނަގައިދިނީ މުޙައްމަދު ތަޝްމީނެވެ. ދިއްދޫއިން މި ލީޑު ހިފަހައްޓަމުން ދަނިކޮށް، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހުމައިދު ޙުސައިންއެވެ.
ދެވަނަ ހާފަށް މާޒިޔާއިން ނުކުތީ ވަރުގަދަކޮށް ގިނަ ބަދަލުތަކަކާއެކުއެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި (46 ވަނަ މިނެޓު) ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނާޝިއު އަޙްމަދު ވަނީ ވޮލީއަކުން ލަނޑެއް ޖަހައި މާޒިޔާއަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދީފައެވެ. އަދި ލީގުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއިން ރަނގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައި މުހައްމަދު އިލާން އިމްރާން، 59 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދިނެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މާޒިޔާގެ ހަތަރުވަނަ ލަނޑު 67 ވަނަ މިނެޓުގައި ޢަބްދުﷲ ލޫތު ކާމިޔާބުކޮށްދިންއިރު، ފަސްވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ޔަގީންކޮށްދިނީ އިބްރާހީމް މަހުދީއެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ދިއްދޫގެ މުޙައްމަދު ޝަނާއު ނަސީރު އެ ޓީމަށް ދެވަނަ ލަނޑެއް ޖަހައިދިން ނަމަވެސް، މާޒިޔާ އަތުން މޮޅު ގެއްލުވައެއް ނުލެވުނެވެ.
މި މުބާރާތުގައި ގދ. ގައްދޫގައި ކުޅުނު އަނެއް މެޗުގައި، ބުރު ސްޕޯޓްސް ކްލަބުން ވަނީ 0-1 ގެ ހަނި ނަތީޖާއަކުން ގައްދޫ ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ. މި މޮޅާއެކު ބުރު ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ.
މާޒިޔާއިން ހޯދި މި ކާމިޔާބީއާއެކު، އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ކުޑަވެ، ލީގުގެ ވާދަވެރިކަން މިހާރު ވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފައެވެ.