ކުޅިވަރު

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނުންނަކީ ސެނެގާލްކަމަށް ކޯޓުން ކަނޑައަޅައިފި

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނުންނަކީ ސެނެގާލްކަމަށް ކޯޓުން ކަނޑައަޅައިފި

އެފްކޮން ތަށި ސެނެގާލްއިން އުފުލާލަނީ / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ނޮވެމްބަރު 2026، 06:39

25 ނޮވެމްބަރު 2026، 06:39

2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަނުންނަކީ ސެނެގާލް ނޫންކަމަށް ނިންމި ނިންމުން ބާތިލުކޮށް، އެ މުބާރާތުގެ ހަގީގީ ޗެމްޕިއަނުންނަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ކަނޑައަޅައިފިއެވެ.

މި މައްސަލައިގައި ސެނެގާލުން އިސްތިއުނާފު ކުރުމުން، ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސީއޭއެސް އިން އަންގާރަ ދުވަހު ނިންމި ނިންމުމުގައި ވަނީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) ގެ އެޕީލް ބޯޑުން މޮރޮކޯ އަށް 3-0 އިން މެޗު ކާމިޔާބުވި ކަމަށް ނިންމި ނިންމުން ބާތިލުކޮށްފައެވެ. އަދި ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގެ ރަބާތުގައި ކުޅުނު ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސެނެގާލް ކަމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން ސެނެގާލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ގައުމަކީ އަނެއްކާވެސް އަދި އަބަދުވެސް އެފްރިކާގެ ޗެމްޕިއަނުން ކަމަށެވެ.

ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް، މޮރޮކޯ އަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން ހިތްހަމަނުޖެހިގެން ސެނެގާލްގެ ކުޅުންތެރިން ވަނީ 14 މިނެޓަށް ދަނޑުން ފައިބައިފައެވެ. ނަމަވެސް، މެޗު އަލުން ފެށުމުގެ ކުރިން ކުޅުންތެރިން އެނބުރި ދަނޑަށް އެރިއިރު، މޮރޮކޯ އަތުން އެ ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ޕާޕޭ ގުއޭ ވަނީ ލަނޑު ޖަހައި ސެނެގާލް މޮޅުކޮށްދީފައެވެ.

ސީއޭއެސްގެ ސެކްރެޓަރީ ޖެނެރަލް މެތިއު ރީބް ވިދާޅުވީ، މެޗު އަލުން ފެށުމަށް ރެފްރީ ނިންމި ނިންމުމުގައި ގާނޫނީ އެއްވެސް ކުށެއް ނެތް ކަމަށެވެ. އަދި މެޗު ކުރިއަށް ގެންދިއުމުގެ އިޚްތިޔާރަކީ ހަމައެކަނި ރެފްރީއަށް ލިބިގެންވާ ބާރެއް ކަމަށާއި، އެ ނިންމުމަކީ "ފީލްޑް އޮފް ޕްލޭ" ގެ އުސޫލުގެ ދަށުން ދަނޑުމަތީގެ ކަންކަމަށް ނިންމި ނިންމުމެއް ކަމަށް ކޯޓުން ބަޔާންކުރިއެވެ.

މޮރޮކޯގެ ފެޑެރޭޝަނުން ވަކާލާތުކުރީ ސެނެގާލުން ދަނޑުން ފޭބުމަކީ އެފްކޮން ގަވާއިދުގެ 82 އަދި 84 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. ނަމަވެސް ސީއޭއެސް އިން ފާހަގަކުރި ގޮތުގައި އެ މާއްދާތައް ހިނގާނީ ރެފްރީ މުޅިން މެޗު ހުއްޓާލުމުންނެވެ. އަދި އިންތިހާއަށް ނުތަނަވަސް ދަނޑިވަޅެއްގައި ރެފްރީ ނިންމި ނިންމުމަކީ އިންސާފުން ބޭރު ނިންމުމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.

މީގެއިތުރުން، ސެނެގާލްގެ ފެޑެރޭޝަނާއި، ކޯޗު ޕާޕޭ ތިއޯ އަދި ބައެއް ކުޅުންތެރިންނަށް ކާފްގެ ޑިސިޕްލިނަރީ މަރުހަލާގެ ދަށުން މިހާރުވެސް އަދަބު ދީފައިވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ފްރާންސްގެ ސްޕޯޓްސް ލޯގެ މާހިރެއް ކަމަށްވާ ޖެރާލްޑް ސައިމަން ރިޔާސަތު ބެލެހެއްޓެވި މި ޕެނަލްގައި ދެން ހިމެނިވަޑައިގަތީ އިޓަލީގެ ބައިނަލްއަގުވާމީ ގާނޫނާ ބެހޭ ޕްރޮފެސަރު ލުއިޖީ ފުމަގައްލީ އަދި ޒިއުރިކް ޔުނިވަރސިޓީގެ ޕްރޮފެސަރު އަލްރިކް ހާސްއެވެ. މި މައްސަލައިގައި ސީއޭއެސްގެ ތިން ފަނޑިޔާރުންގެ ޕެނަލުން ނިންމުން ނިންމާފައިވަނީ އިއްތިފާގުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450