ކުޅިވަރު

މަސްތުވެފައި ހުރިކަމަށް ބަލައި، އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރެފްރީ ބަދަލުކޮށްފި

މަސްތުވެފައި ހުރިކަމަށް ބަލައި، އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރެފްރީ ބަދަލުކޮށްފި

ރެފްރީ ހަންނާ ހައްތާބު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ނޮވެމްބަރު 2026، 06:58

26 ނޮވެމްބަރު 2026، 06:58

އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ ގައި އަލްޖަޒީރާ އާއި ގޯލް ގޯހަރު ބައްދަލުކުރި މެޗުގެ ރެފްރީ ބަނގުރާ ބޮއެގެން ހުރިކަމަށް ތުހުމަތުކުރެވި، މެޗުގެ ހާފްޓައިމްގައި އޭނާ ބަދަލުކޮށްފިއެވެ. މި މެޗު ނިމިގެން ދިޔައީ ބޮޑެތި ޚިޔާލުތަފާތުވުންތަކަކާއި ވާދަވެރިކަމެއްގެ ތެރޭގައެވެ.

ސީރިއާގެ އުމުރުން 37 އަހަރުގެ ރެފްރީ ހަންނާ ހައްތާބު ވަނީ، ބްރެޒިލްގެ އެންޑަސަން ޓަލިސްކާގެ ލަނޑުން އަލްޖަޒީރާ 1-0 އިން މޮޅުވި މި މެޗުގެ ފުރަތަމަ ހާފުގައި އިންސާފުކޮށްފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ 7 ރީނދޫ ކާޑު ދައްކާފައެވެ. އޭގެ ތެރޭގައި ކީޕަރު އާސިން ދެސްތާނޮގްލޫ އަށް ދެއްކި ރީނދޫ ކާޑު ހިމެނޭއިރު، އެ ނިންމުމާމެދު ކުޅުންތެރިންނާއި، އޮފިޝަލުން އަދި ސަޕޯޓަރުން ވަރަށް ބޮޑަށް ހައިރާންވިއެވެ. އަދި ފަހުން އެ ކާޑު ވަނީ ބާތިލުވެސް ކޮށްފައެވެ.

ބްރިޓިޝް ނޫހެއް ކަމަށްވާ "ދަ ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީވީ ފްޓޭޖްތަކުން ފެންނަ ގޮތުގައި ގޯލް ގޯހަރުގެ ކޯޗު މަހްދީ ރަހްމަތީ ވަނީ ފުރަތަމަ ހާފުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި، ރެފްރީއާ ދިމާލަށް އޭނާ ހުރީ "މަސްތުވެގެން" ކަމަށް ބުނެ އަޑުގަދަކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ދެވަނަ ހާފަށް ހައްތާބު ދަނޑަށް ނުކުމެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ނުކުތީ ހަތަރުވަނަ އޮފިޝަލެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ރަހްމަތީ ބުނީ އަލްޖަޒީރާ މެޗުގައި އިންސާފުކުރި ރެފްރީ ހުރީ އާންމު ހާލަތެއްގައި ނޫން ކަމަށާއި، އެކަން އަލްޖަޒީރާގެ ކުޅުންތެރިން ވެސް ފާހަގަކުރި ކަމަށެވެ. އަދި އެ މައްސަލަ ވަގުތުން މެޗު އޮފިޝަލުންނަށް އެންގި ކަމަށާއި، އެގޮތަށް ކަންތައް ވާނަމަ މެޗު ކުރިއަށް ނުގެންދާނެ ކަމުގެ އިންޒާރުވެސް ދިން ކަމަށް އޭނާ ބުންޏެވެ.

ރެފްރީ މަސްތުވެގެން ހުރި ކަމަށް ބުނާ ވާހަކަތައް އޮމާންގެ ނޫސްވެރިއެއް ކަމަށްވާ އީސާ ސައީދު ވަނީ ދޮގުކޮށްފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ ހައްތާބަށް ދިމާވި ކަމަކީ ހަކުރު ދަށްވުމުގެ (ހައިޕޯގްލައިސީމިއާ) މައްސަލައެއް ކަމަށާއި، އޭގެ ސަބަބުން އޭނާގެ ހޭވެރިކަމާއި ފޯކަސް ގެއްލުނީ ކަމަށެވެ. އަދި މެޗަށްފަހު ހެދި މެޑިކަލް އެސެސްމެންޓްތަކުން އޭނާ ބަނގުރާ ބޮއެގެން ނެތްކަން ކަށަވަރުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރެފްރީ ހައްތާބު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މުޅި ހާދިސާގެ ތަފްސީލީ ބަޔާނެއް ނެރުމުގެ ކުރިން ސީރިއަން ފުޓްބޯލް އެސޯސިއޭޝަނުގެ ރަސްމީ ޖަވާބަކަށާއި، ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއަށް އިންތިޒާރު ކުރާނެ ކަމަށެވެ. އަދި އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ ގައި އޭނާގެ ގައުމާއި އެސޯސިއޭޝަން ތަމްސީލުކުރި މެޗުގައި ހިނގައިދިޔަ ކަންކަން އެއްވެސް ފޮރުވުމެއް ނެތި ސާފުކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން އޭނާގެ ޒާތީ ދިރިއުޅުމާއި އަބުރަށް އަރައިގަތުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރަމުން ހައްތާބު ބުނީ، އާއިލީ އަދި ޒާތީ ދިރިއުޅުމަކީ އެހެން މީހުންނާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދީނާއި، ބުއްދި އަދި އަޚްލާގުވެސް މީހުންގެ ޒާތީ މިނިވަންކަމަށް އަރައިގަނެ، އަބުރު ކަތިލުމަށް ހުއްދަ ނުކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450