ކުޅިވަރު
ސައްތައިން ސައްތަ ރެކޯޑަކާއެކު ތިމަރަފުށިން އަމިއްލަ ފަސްގަނޑުގައި ޒޯން ޝީލްޑް އުފުލާލައިފި
ތިމަރަފުށީގެ އަފްލާޒް ބޯޅަ ފޮނުވާލަނީ / ފޮޓޯ: ކްލަބް މޯލްޑިވްސް
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސައުތު ޒޯން 1 ގެ ފައިނަލުގައި، 0-3 ގެ ނަތީޖާއަކުން ދެއްވަދޫ ބަލިކޮށް، ތިމަރަފުށިން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޗެމްޕިއަންކަން ހޯދައިފިއެވެ. މުބާރާތުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ތިމަރަފުށިން ޝީލްޑް އުފުލައިލީ ސައްތައިން ސައްތަ ރެކޯޑަކާ އެކުގައެވެ.
ތިމަރަފުއްޓާއި ދެއްވަދޫ ފައިނަލުގައި ވާދަކުރިއިރު މި ދެ ޓީމު ހިމެނުނީ ޖުމްލަ 6 ޓީމު ވާދަކުރި މި ޒޯނުގެ ގްރޫޕް އޭގައެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-2 ން ތިމަރަފުށި ކާމިޔާބުކޮށްފައިވާއިރު، ފައިނަލުގައި ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި އެ ނަތީޖާ ތަކުރާރުކޮށްފައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވިއެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައި ވަނީ ތިމަރަފުށީގެ ހާފު ތެރޭގައި ނަމަވެސް، އެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން އާދަމް ނާސިހަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، އިސްމާއީލް މުނީޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި ދެއްވަދޫން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ތިމަރަފުށީގެ ކީޕަރު ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.
ދެވަނަ ހާފު ވެސް ފެށުނީ ވަރަށް ވާދަވެރިކޮށެވެ. މުހައްމަދު އިމްރާނަށް ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލުން ބޭރަށް ދިޔައީ ވަރަށް ކައިރިންނެވެ. ނަމަވެސް، މެޗުގެ 26 ވަނަ މިނެޓުގައި އާދަމް ނާސިހް ވަނީ އަމިއްލަ ހުނަރު ދައްކާލައި، ތިމަރަފުއްޓަށް ލީޑު ނަގައިދީފައެވެ. ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހޯދައި، ކަނާތްފަރާތު އަރިމަތިން ކުރިއަށް އަރައި އޭނާ ވަނީ ވާތުފައިގެ ބޭރު ފަރާތުން ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފައެވެ.
މި ލަނޑަށްފަހު މާގިނަ އިރުތަކެއް ނުވެ، އޭގެ ދެ މިނެޓު ފަހުން މުހައްމަދު ވިލްފް ވަނީ "ބެކްހީލް" އަކުން ތިމަރަފުށީގެ ލީޑު ފުޅާކޮށްދީފައެވެ. ޖެހިގެން އައި މިނެޓުގައި ދެއްވަދޫގެ އަލީ ޝިޔާހަށް ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ވިލްފްގެ ފައިގައި ޖެހިފައި ބޯޅަ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މެޗުގެ ނަތީޖާ އަނބުރާލުމަށް ދެއްވަދޫން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ހާއްސަކޮށް އެ ޓީމުގެ އަލީ ހައިސަމް ވަނީ އެޓޭކުގަ އާއި ޑިފެންސްގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. ނަމަވެސް، ތިމަރަފުށީގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ތިމަރަފުށިން ޗެމްޕިއަންކަން ކަށަވަރުކުރީ ކައުންޓަ އެޓޭކެއްގައި އަހުމަދު އަފްލާޒް، ގޯލުގެ މަތީ ކަނަށް ފޮނުވާލި ރީތި ލަނޑުންނެވެ.