Ads by Stelco

ޚަބަރު

ފުވައްމުލަކުގައި ބަނދަރުކޮށް މިފްކޯގެ ބޯޓަކުން މަސް ގަންނަން ފަށައިފި

ފުވައްމުލަކުގައި ބަނދަރުކޮށް މިފްކޯގެ ބޯޓަކުން މަސް ގަންނަން ފަށައިފި

ފުވައްމުލަކު ބަނދަރުން މަސް ކިރަނީ، ފޮޓޯ: މިފްކޯ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 އޯގަސްޓު 2025، 07:44

31 އޯގަސްޓު 2025، 07:44

ފުވައްމުލަކު ސިޓީގައި ބަނދަރުކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ބޯޓަކުން އިއްޔެއިން ފެށިގެން މަސް ގަންނަން ފަށައިފިއެވެ.

މިކަމާ ގުޅިގެން މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ފުވައްމުލަކު ސީޓިގެ ބަނދަރުން މަސް ގަންނަން ފެށުމަކީ، އެ ކުންފުނީގެ ސިއީއޯ މި މަހު އެ ސީޓިއަށް ކުރެއްވެވި ދަތުރުފުޅުގައި ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ކުންދުނީގެ ބޯޓެއް ފުވައްމުލަކު ސިޓީގައި ބަނދަރުކުރުމަށްފަހު، އިއްޔެ މަސްގަންނަން ފަށާފައިވާކަމަށެވެ. 

މި މަހު މިފްކޯއިން ވަނީ ފުވައްމުލަކުގެ މަސް ޕްރޮސެސިން ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އެ ފެސިލިޓީގެ މަސައްކަތް ނިންމައި، މި އަހަރު ތެރޭގައި އެ ތަނުން ޚިދުމަތް ދިނުން ކަމަށެވެ.

މިއީ މިފްކޯގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ކުންފުނިން އަންނަނީ މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އަންނަ މަހު ސީދާ އައްޑޫ ސިޓީން މަސް އެކްސްޕޯޓް ކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށްވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

އަދި ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މީގެއިތުރުން ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސް ގަތުމަށް ޚާއްޞަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މި އަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން