ޚަބަރު
ދިވެހި ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން: ސީޕީ ނަވީން

ސީޕީ ނަވީން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިފަދައިން ވިދާޅުވީ، ފުލުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ދ. ވާނީގައި ރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، މަސައްކަތުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޕްރޮފެޝަނަލްކަމާއި ހަމަހަމަކަމާއި އިންސާނީ ޙައްޤުތަކަށް އިހުތިރާމުކޮށް ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ކޮންމެ ފުލުހަކު ވެސް ވުމަކީ މުޖުތަމަޢުގެ ބަލަދުވެރިންގެ ސިފައެއް ކަމަށެވެ. އަދި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި އިސްކަންދޭންވާނީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ގަޑިއަށް ފަރުވާތެރިވުމާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތަކަކީ ދިވެހި ފުލުހުންގެ ސިފަ ދައްކުވައިދޭ ރީތި ސިފައެއް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ފުލުހުންގެ ޔުނީފޯމަކީ ފެންނަން ހުންނަ ހަމައެކަނި ބޭރުފުށުގެ ސިފައެއް ނޫންކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އެއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމުގައި ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި މި ނިޝާން އަބަދުވެސް ފުލުހުންގެ ހަނދާނުގައި ބަހައްޓާންވާނެ ކަމަށާއި މި ނިޝާނަށް އިހުލާސްތެރިވާންވާނެ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، ކެތްތެރިކަމާއި އޯގާތެރިކަން އަދި އަޅާލުމާއި އިންސާފުވެރިކަމަކީ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ މައިގަނޑު އެއް އަސާސް ކަމަށާއި ދިވެހި ފުލުހުންގެ ޝަރަފުވެރި ބެޖުގެ އިއްޒަތާއި ގަދަރު ހިފަހައްޓާނެކަމުގެ ޔަގީންކަން އޮންނަވާ ކަމަށެވެ.