ޚަބަރު
މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި މެލޭޝިއާގެ ދިދަ/ފޮޓޯ: ޕޮންޑް5
މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
މެލޭޝިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ދާތޯ ސްރީ އުތާމާ ހާޖީ މުޙައްމަދު ބިން ހާޖީ ހަސަން އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، މެލޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން އިތުރަށް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮންނަވާ ކަމަށާއި، މެލޭޝިއާގެ ޚާރިޖީ ވަޒީރާއި ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މެލޭޝިއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.