ކުޅިވަރު

އޭއެފްސީ ކަޕަށް ތައްޔާރުވާ ފަލަސްތީނު ޓީމު ރާއްޖޭގައި ކޭމްޕު ކުރަނީ

އޭއެފްސީ ކަޕަށް ތައްޔާރުވާ ފަލަސްތީނު ޓީމު ރާއްޖޭގައި ކޭމްޕު ކުރަނީ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ސެޕްޓެމްބަރު 2025، 06:39

01 ސެޕްޓެމްބަރު 2025، 06:39

މިއަންނަ އަހަރު ސައޫދީ އަރަބިއްޔާގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕު ކުރުމަށް ނިންމައިފިއެވެ.

ފިޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހާމަކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ޤައުމުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް އެދުމުން، އަންނަ ނޮވެމްބަރު މަހުގެ 8އިން 19އަށް އެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މި މުއްދަތުގައި ފަލަސްތީނުގެ ޓީމާއެކު ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވެސް ވަނީ ނިންމާފައެވެ. 

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ އިރާން، އިންޑިއާ، ޗައިނީސް ޓައިޕޭ އަދި ލުބުނާނެވެ. 

ކޮލިފައިން ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 22އިން 28އަށެވެ.

އޭއެފްސީ ކަޕަށް ކޮލިފައިވުމުގެ ގޮތުން ކުޅޭ ކޮލިފައިން ބުރުގައި ދިވެހިރާއްޖެ ވެސް ވާދަކުރާނެއެވެ. ރާއްޖެ ހިމެނޭ ގްރޫޕް އެފްގައި ދެން ހިމެނެނީ ތައިލެންޑު، ކުވޭތު، ތުރުކުމެނިސްތާން އަދި މޮންގޯލިއާއެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށެވެ. މި ޓީމުގެ ކޯޗަކީ ކުރީގެ ޑިފެންޑަރު ސޮބާހު މުޙައްމަދެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން