ކުޅިވަރު
ފަސް އަހަރަށް ފަހު ނިއު ރޭޑިއަންޓް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް

ނިއު ރޭޑިއަންޓް ދެވަނަ ޑިވިޝަނުގައި، ފޮޓޯ: އިމޭޖަސް
ފަސް އަހަރަށް ފަހު، ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިޔަށް އޮތް ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކަނޑައަޅައިފިއެވެ.
އެފްއޭއެމްއިން މިގޮތަށް ކަނޑައެޅީ، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވެން ނެތްކަމަށް އެފްއޭއެމްއަށް އެންދުމުންނެވެ. މިކަމާ ގުޅިގެން އެ ކްލަބު 2 ލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
ސަސްގެ ޖާގައަށް ޕްރިމިއަރ ލީގަށް ގެންދާނެ ޓީމެއް އެފްއޭއެމްއިން ބެލީ، މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގެ ސެމީފައިނަލުގައި ކުޅެ، ބަލިވި ދެ ޓީމަށެވެ. އެ މުބާރާތުގެ ފައިނަލަށްދާ ދެ ޓީމު އޮންނަނީ އޮޓޮމެޓިކުން ޕްރިމިއަރ ލީގަށް ކޮލިފައިވާ ގޮތަށެވެ. އެގޮތުން ފައިނަލުން ޖާގަ ހޯދުމުން ފުރަތަމަ ޑިވިޝަނަށް ދިޔައީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ތިންވަނަ ޓީމު ކަނޑައެޅީ އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމެޓީއިން ރިވިއު ކުރުމަށްފަހުއެވެ. މި ޖާގައަށް ނިއުގެ އިތުރުން ދެން ވާދަކުރީ ޓެންޓް ސްޕޯޓްސް ކްލަބެވެ. ދެ ޓީމުގެ ކުޅުން ރިވިއު ކުރުމަށްފަހު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓު ކުރުމަށް ނިންމީ ނިއުރޭޑިއަންޓްއެވެ.
ނިއު ސަސްޕެންޑުކުރީ 2019 ވަނަ އަހަރު މުސާރައިގެ މައްސަލަތަކަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ނިއުއިން އަބަދުވެސް ބުނަމުން އައީ، އެ ޓީމުގެ ސަސްޕެންޝަނަކީ ސިޔާސީ ނުފޫޒު އޮތް ސަސްޕެންޝަނެއް ކަމަށެވެ.
އޭގެ ފަހުން އެފްއޭއެމްގެ ކޮންގްރެސްގެ ތާއީދާއެކު އެ ކްލަބުގެ ސަސްޕެންޝަން އުވާލިއެވެ. ސަސްޕެންޝަން އުވާލުމުން ތިން ވަނަ ޑިވިޝަން ކުޅެ އެ ކްލަބުން ދެވަނަ ޑިވިޝަނަށް ޕްރޮމޯޓު ވިއެވެ. ނަމަވެސް 2023 އަދި 2024ގައި ދެވަނަ ޑިވިޝަނުގެ ސެމީގައި ކުޅުނު ނަމަވެސް، ފުރަތަމަ ޑިވިޝަނުގެ ޕްރޮމޯޝަނެއް ހޯދޭނެ ގޮތެއް ނުވިއެވެ.
ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން ނިއުއިން ވަނީ ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނަސްފައެވެ. އޭގެތެރޭގައި އަލީ އަޝްފާގު އާއި އަލީ ފާސިރު ވެސް ހިމެނެއެވެ. މީގެ އިތުރުން އެ ކްލަބުގެ ކޯޗަކަށް އައްޔަނުކުރީ، އަލީ ސުޒޭނުއެވެ.