ދުނިޔެ
އަފްޣާނިސްތާނަށް 6.0 ގެ ވަރުގަދަ ބިންހެލުމެއް، ގިނަ ބަޔަކު ޒަޚަމުވެ ގިނަ ބަޔަކު މަރުވެފައި

ބިންހެލުމުގެ ސަބަބުން ޒަޚަމުވި ފަރާތްތަކަށް ފަރުވާ ދިނުން. ފޮޓޯ: އަފްޣާނިސްތާނު ސަރުކާރު (ޠާލިބާން)

ފަރުދުން
01 ސެޕްޓެމްބަރު 2025، 11:47
01 ސެޕްޓެމްބަރު 2025، 11:47
ރޭ 11:47 ހައި އިރު އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދުތަކުގައި ވަރުގަދަ ބިންހެލުމެއް ހިނގާފައިވާ ކަމަށް މީޑިޔާ ތަކުން މިއަދު ހެނދުނު ރިޕޯޓު ކޮށްފިއެވެ. 6.0 މެގްނިޓިޔުޑް ގެ މި ބިންހެލުން އުފެދިފައިވަނީ ނަގަރްހާރް ޕްރޮވިންސް ގެ ޖަލާބާރް ގެ ގާތްގަނޑަކަށް 24 ކިލޯމީޓަރު ހުޅަނގު އުތުރުން ކަމަށް މަޢުލޫމާތު ލިބެއެވެ. މި ބިންހެލުމުގެ ސަބަބުން މަރުވި ކަމަށް އަފްޣާނިސްތާނުން އެންމެ ފަހުން ހާމަކޮށްފައިވާ ޢަދަދަކީ 20 ނުވަތަ 21 އެވެ. ޒަޚަމުވި ފަރާތްތަކުގެ ޢަދަދު ކަމަށް ޔަޤީންވެފައި ވަނީ 115 އެވެ. ބިންހެލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ނަގަރްހާރާއި ކުނާރް ސަރަޙައްދަށެވެ. މިއީ ފަރުބަދަތައް ގިނަ، އެކަހެރި ޙިސާބަކަށް ވުމުން، މަރުވި އަދި ޒަޚަމުވި މީހުންގެ ޙަޤީޤީ ޢަދަދު ދަނެގަތުމަކީ އުނދަގޫ ކަމެއް ކަމަށް އަފްޣާނިސްތާނު ސަރުކާރުން ހާމަކުރެއެވެ.
އަފްޣާނިސްތާނަށް ރޭ ކުރިމަތިވި މި ވަރުގަދަ ބިންހެލުމުގެ އަޘަރު ޕާކިސްތާނުގެ އިސްލާމާބާދަށް ވެސް ސީދާ ގޮތެއްގައި ފޯރާފައިވެއެވެ. އިސްލާމާބާދުގައި ބިންހެލުމުގެ އިޙުސާސް ވަރަށް ބޮޑަށް ކުރެވިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ އިރު، އިސްލާމާބާދަށް މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ކުރިމަތިވި ކަމެއް އެނގޭކަށް ނެތެވެ. އިސްލާމާބާދުގެ އިތުރުން، އަފްޣާނިސްތާނުގެ ކާބުލާއި، އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ވެސް ބިންހެލުމުގެ އިޙުސާސް ކޮންމެވެސް ވަރަކަށް ކުރެވިފައިވާ ކަމަށް މީޑިޔާ ތަކުން ބުނެއެވެ.
އަފްޣާނިސްތާނަށް އައި ބިންހެލުމަކީ ވިއްސާރައާއި ފެންބޮޑުވުމުގެ ދުވަސްތަކަކަށް ފަހު ކުރިމަތިވި ކާރިޘާއެކެވެ. ވީމާ، ބިންގަނޑުގެ ތެތްކަމާއެކު ބިންހެލުން އަތުވުމުން، އަފްޣާނިސްތާނުގެ ގިނަ ސަރަޙައްދުތަކެއްގައި ރޭ ބިންގަނޑު ކަނޑައިގެން ގޮސްފައި ވެއެވެ. ޚާއްޞަ ކޮށް ކުނާރު ސަރަޙާއްދުގައި ބިންގަނޑު ކަނޑައިގެން ގޮސްފައި އޮތް ލެއް ބޮޑުވެ، ވައިގެ މަގުން ފިޔަވައި އެހީތެރިކަން ފޯރުކޮށްދެވެން ނެތް ކަމަށް ކުނާރު ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކުނާރުގައި އަނިޔާވެފައިވާ ފަރާތްތަކަށް ފަރުވާކުރުމަށް ޞިއްޙީ މާހިރުންނާއެކު ހެލިކޮޕްޓަރުތައް އެސަރަޙައްދަށް މިހާރު ދަތުރުކޮށްފައިވާ އިރު، ނަގަރްހާރް ސަރަޙައްދުގައި ޒަޚަމުވެފައިވާ ފަރާތްތަކަށް ލޭ ދިނުމަށް ގިނަ ބަޔަކު ވަނީ ހަސްފަތާލުތަކަށް އެއްވެފައެވެ. އަފްޣާނިސްތާނަށް ކުރިމަތިވި މިޙާދިޘާއާ ގުޅިގެން، އިންސާނީ އެހީ ގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ކިބައިން އަފްޣާނިސްތާނު ސަރުކާރުން ވަނީ މަދަދަށް އެދިފައެވެ.