ޚަބަރު
ތ. ވަންދޫ އައު މިސްކިތުގެ މަޝްރޫޢު އަންނަ ފެބްރުއަރީ މަހުގައި ނިމޭނެ

ވަންދޫގައި ބިނާކުރާ އައު މިސްކިތް. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ.

ފަރުދުން
01 ސެޕްޓެމްބަރު 2025، 11:49
01 ސެޕްޓެމްބަރު 2025، 11:49
ތ. ވަނދޫގައި ސަރުކާރުން ޢިމާރާތްކުރަމުންދާ އައު މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނިމިގެން ދާނޭ ކަމަށް ލަފާކުރެވޭ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ. އިސްލާމީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެވުޒާރާއިން އެކްސް ގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ.
ވަންދުއަކީ ތ. އަތޮޅުގައި ދެވަނައަށް އެންމެ ކުޑަ އާބާދީ އޮންނަ ރަށެވެ. މިގޮތުން، ވަންދޫގެ އާބާދީ 400 އާ ގާތްކުރެއެވެ. ވަންދޫގައި ތަރައްޤީކުރަމުންދާ އައު މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެމިސްކިތުގެ ޖުމުލަ މަސައްކަތުގެ 60% މިހާރު ނިމިފައިވާ ކަމަށް އިސްލާމީ ވުޒާރާ އިން ހާމަކުރެއެވެ.
އިސްލާމީ ކަންކަމާ ބެހޭ ވުޒާރާ އިން އިތުރަށް މަޢުލޫމާތު ދޭ ގޮތުގައި، އެ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް، ވަންދޫ އައު މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް އެރަށަށް ދުރުވެފައި ވެއެވެ. މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމައިލުމަކީ އަމާޒުކަމަށާއި، އެގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށް ވެސް ވުޒާރާއިން ހާމަކުރެއެވެ.
ތ. ވަންދޫގައި މިހާރު ބިނާކުރަމުން ދާ މިސްކިތުގެ އިތުރުން، ރާއްޖޭގެ ގިނަ ކަންކޮޅުތަކެއްގައި ގިނަ މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ. މިގޮތުން، އަތޮޅުތަކުގައި ތަރައްޤީކުރަމުން އަންނަ 13 މިސްކިތެއް މިއަހަރުގެ ތެރޭގައި ހުޅުވާނޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ތ. ވަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން. މި މިސްކިތުގެ 60% ވަނީ ނިމިފައި. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް. މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 2026 ގައި pic.twitter.com/Fs4fXUY6ds
— Ministry of Islamic Affairs (@MVIaffairs) September 1, 2025