ކުޅިވަރު
އިސާކް ލިވަޕޫލަށް ދޫކޮށްލުމަށް ނިއުކާސްލްއިން އެންމެ ފަހުން އެއްބަސްވެއްޖެ

އިސާކް އަބަދު ވެސް ބުނަމުން އައީ ލިވަޕޫލް ނޫން ގޮތެއް ބޭނުންނުވާކަމަށް---
އެލެކްސެންޑަރ އިސާކް ލިވަޕޫލަށް ދޫކޮށްލުމަށް ނިއުކާސްލްއިން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
މަޝްހޫރު ފުޓުބޯޅަ ރިޕޯޓަރު، ފެބްރީޒިއޯ ރޮމާނޯ ބުނާ ގޮތުން، ނިއުކާސްލްއިން އިސާކް ދޫކޮށްލުމަށް އެއްބަސްވީ 130 މިލިއަން ޕައުންޑަށެވެ. އެހެންކަމަށް ވާނަމަ އިސާކް ވާނީ އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލުން އިސާކްއަށް ހުށަހަޅާނީ 6 އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.
އިސާކްގެ މެޑިކަލް ޓެސްޓުތައް ހެދުމަށް އޭނާ މިއަދު ލިވަޕޫލަށް ދަތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ލިވަޕޫލުން ވަނީ އިސާކް ހޯދުމަށް ކުރިން 110 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ނިއުކާސްލްއިން އޭރު ބުނީ އޭނާ އެ އަގަށް ނުވިއްކޭނެކަމަށެވެ.
ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ)އިން ހޮވާ "ޓީމް އޮފް ދަ ސީޒަން"ގައި ހިމެނުނު ނަމަވެސް، އެ އެވޯޑު ޚަފްލާއަށް ހާޒިރުނުވެ، އެރޭ އިންސްޓަގްރާމްގައި އިސާކްކުރި ޕޯސްޓެއްގައި ބުނީ، އޭނާ ބޭނުންވާ ގޮތް ނިއުކާސްލްއަށް އެނގޭނެ ކަމަށާއި، ނަމަވެސް ކްލަބުން ވަޢުދުވީ ގޮތަށް ޢަމަލުކުރަމުން ނުދާކަމަށެވެ. އަދި ކްލަބުން ވަޢުދާ ޚިލާފުވުމާ ގުޅިގެން، ކްލަބާ ދޭތެރޭ ކުރިން އޮތް ގުޅުން ދެން ނުދެމެހެއްޓޭނެ ކަމަށް އިސާކް ބުންޏެވެ. އެހެންކަމުން އޭނާއަށާއި ކްލަބަށް ވެސް ދެން އޮތް އެންމެ ރަގަޅު ގޮތަކީ އެއްކޮށް މަސައްކަތް ނުކުރުންކަމަށް ވަނީ ފާހަގަކޮށްފައެވެ.
އިސާކްގެ މި ޕޯސްޓާ ގުޅިގެން ނިއުކާސްލްއިން ނެރުނު ބަޔާނުގައި ބުނީ އިސާކް ހުރީ އެ ކްލަބުގެ ކޮންޓްރެކްޓެއްގައި ކަމަށާއި، މި ޓްރާންފަރ މުއްދަތުގައި އޭނާއަށް އެހެން ކްލަބަކަށް ބަދަލުވެވޭނެކަމުގެ އެއްވެސް ވާހަކައެއް ކްލަބުން ދައްކާފައި ނުވާނެކަމަށާއި، އަދި އެކަމަށް އެއްބަސްވެފައި ނުވާނެކަމަށެވެ.
ނަމަވެސް އިސާކް ދޫކޮށްލުމަށް ނިއުކާސްލްއިން އެންމެ ފަހުން އެއްބަސްވެފައި މިވަނީ "ޓަރާންސްފަރ ވިންޑޯ"ގެ ފަހު ދުވަހެވެ. ކުޅުންތެރިން ބަދަލުވުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ މިރެއެވެ.