ޚަބަރު
ވީއައިއޭގެ އެމަޖެންސީ ޙާލަތްތަކަށް ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

އެފެކްސްގެ ތެރެއިން/ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އެމަޖެންސީ ޙާލަތްތަކަށް ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ކުރިއަށް ގެންގޮސްފިއެވެ.
އެފެކްސްގެ މައިގަނޑު ބޭނުމަކީ، އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭނާއި، މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.
އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ވިދާޅުވީ، މިއަދު ހެނދުނު ހުޅުލޭ އައިލެންޑް ހޮޓަލުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި އެފެކްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމަޖެންސީ ހާލަތު އަސްލަކަށް ބަލައިގެން އެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވިފައިވާ ކަމަށެވެ. ހަމަ މިއާއެކު، މި ހަރަކާތް ނިންމާލުމަށްފަހު ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
މި ޙަރަކާތުގައި އެމްއޭސީއެލްގެ ކަމާ ގުޅުންހުރި ހުރިހާ ޑިޕާޓްމަންޓަކާއި، 18 އިދާރާއަކުން ޖުމްލަ 80 ބޭފުޅުން ބައިވެރިވެފައިވާކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި ހަރަކާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު، އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
އެމްއޭސީއެލުން ވިދާޅުވީ، ވީއައިއޭގައި އެފެކްސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކަމަށެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެއެވެ.