ޚަބަރު
ޗައިނާއާއެކު އިޤްތިޞާދީ ދާއިރާއިން ކުރިއެރުމަށް އައު މަގުތަކެއް ވަނީ ހުޅުވިގެން ގޮސްފަ: ވަޒީރު ސަޢީދު

ރައީސް، ޗައިނާގެ ރައީސްއާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ޗައިނާއާއެކު އިޤްތިޞާދީ ދާއިރާއިން ކުރިއެރުމަށް އައު މަގުތަކެއް ވަނީ ހުޅުވިގެން ގޮސްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅިގެން ކުރެއްވެވި ޕޯސްޓެއްގައެވެ.
ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މި ގުޅުން ކުރިއަށް ވުރެ އިތުރަށް ބަދަހިވަމުންދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީގައި ދެ ގައުމަށްވެސް ފައިދާވާނެގޮތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ޗައިނާއާއެކު އިޤްތިޞާދީ ދާއިރާއިން ކުރިއެރުމަށް އައު މަގުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ، ގާތް ރަހުމަތްތެރިކަމާއި، އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއްކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މި ހަމަތަކުގެ މަތިން މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިބައްދަލުވުމުގައި، އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި، އިންވެސްޓްމަންޓުގެ ދާއިރާއާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވި ކަމަށެވެ.