Ads by Stelco

ޚަބަރު

މާމަ ކާފައިންނަށް ލޯބިވެތިކަމާއި ޤަދަރު ދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާޢީ ވާޖިބެއް: އިޖުތިމާޢީ ވުޒާރާ

މާމަ ކާފައިންނަށް ލޯބިވެތިކަމާއި ޤަދަރު ދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާޢީ ވާޖިބެއް: އިޖުތިމާޢީ ވުޒާރާ

އިސްރަށްވެހިން/ފޮޓޯ: އިޖްތިމާޢީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ސެޕްޓެމްބަރު 2025، 05:56

01 ސެޕްޓެމްބަރު 2025، 05:56

މާމަ ކާފައިންނަށް ލޯބިވެތިކަމާއި ޤަދަރު ދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާޢީ ވާޖިބެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިފަދައިން ވިދާޅުވީ، ޤައުމީ މާމަ ކާފަ ދުވަހާއި ގުޅިގެންނެވެ. މިއަހަރުގެ މިދުވަހުގެ ޝިޢަރަކީ، "މާމަ ކާފަ:އުފާވެރި މުޖްތަމަޢެއްގެ ބިންގާ" ކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ، މި ޝިޢާރުގެ ދަށުން އަލިއަޅުއްވާލާނީ މި މުޖްތަމަޢާއި ޢާއިލާތަކަށް މާމަ ކާފައިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި އެބޭފުޅުންގެ މުހިންމު ދައުރުގެ މައްޗަށް ކަމަށެވެ.

އެ ވުޒާރައިން ވިދާޅުވީ، މާމަ ކާފައިންނަކީ ޢާއިލާއެއްގެ އެންމެ އަސާސީ އެއްބައެއް ކަމަށެވެ. ހަމަ އެހެންމެ، އެބޭފުޅުންނަކީ ޖީލުތައް ގުޅުވައިދޭ ރޫޙެއް ކަމަށާއި، އެބޭފުޅުންގެ ތަޖުރިބާގެ ބަސްތަކުން ދަރިންނާއި ކާފަ ދަރިންނަށް އިރުޝާދު ދެއްވާ، ދިރިއުޅުމުގެ ރީތި އާދަތަކާއި، އިސްލާމީ އަދި ދިވެހި ސަޤާފީ ރިވެތި އާދަކާދަތައް ދަސްކޮށްދެއްވުމުގައި އުމުރުފުޅު ހޭދަކުރައްވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޢާއިލާގެ ތެރޭގައި ލޯބިވެތިކަމާއި އޯގާތެރިކަން އަދި އެއްބައިވަންތަކަން އާލާކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ، ގިނަގުނަ ޤުރުބާނީތަކެއް ވަޑައިގެންފައިވާކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

އެހެންކަމުން، އެބޭފުޅުންނަށް ލޯބިވެތިކަމާއި ޤަދަރު ދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖްތިމާޢީ ވާޖިބެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، އެބޭފުޅުންނަށް އަޅާލައި، އެބޭފުޅުންގެ ބޭނުންތައް ފުއްދައިދިނުމަކީ އުފަލެއްކަމުގައި ދެކެންޖެހޭކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެބޭފުޅުންގެ ޚިކުމަތާއި ތަޖުރިބާގެ ބޭނުން ހިފުމަކީ އަޅުގަނޑުމެންގެ ކުރިމަގު ބައްޓަން ކުރުމަށް ލިބޭނެ އަގުހުރި އެހީތެރިކަމެއް ކަމަށެވެ.

މީގެ އިތުރުން، އާބާދީގައި ދޮށީ ޢުމުރުގެ މީހުން ގިނަވަމުންދާ ދިޔުމާއި ގުޅިގެން އެ ބޭފުޅުންގެ ޞިއްޙީ ހާލަތަށް ރިޢާޔަތްކުރާއިރު، އެބޭފުޅުންގެ ހައްޤުތައް ރައްކާތެރިކޮށްދީ، އެބޭފުޅުންގެ ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޢާއިލާއާއެކު އުޅުން މުހިންމުކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ގޭތެރޭގެ މާޙައުލުގައިި ޢާއިލީ ވެއްޓެއްގެ ތެރެއިން ޢާއިލީ ގުޅުންތައް ހަރުދަނާ މާހައުލެއްގައި އުޅުމުގެ ފުރުޞަތު ފަހިވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މާމަ ކާފައިންނާއި މުޖްތަމަޢުގެ އިސްރަށްވެހިން މުޖްތަމަޢުގެ ޙަރަކާތްތަކުގައި ބައިވެރިވެ، ކަންކަމުގައި ޝާމިލުވެގެން އުޅޭނަމަ، އޭގެ ހެޔޮ އަސަރު މުޅި މުޖްތަމަޢަށް ފެނިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން