ޚަބަރު
އައްޑޫ ސިޓީ ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަނެއް ބާއްވައިފި

ސެޝަންގެ ތެރެއިން/ފޮޓޯ: ފުލުހުން
އައްޑޫ ސިޓީ ހިތަދޫގެ ޓެކްސީ ޑްރައިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ނިމިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގެ ޖުމްލަ 20 ޓެކްސީ ޑްރައިވަރުން ބައިވެރިވި މި ސެޝަނުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ޓެކްސީ ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި، ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ސަލާމަތްތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރިއަށް ގެންދާ "ރައްކާ" ޕްރޮގްރާމްގެ ދަށުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ޓެކްސީ ޑްރައިވަރުންނަކީ ގިނަ ވަގުތު މަގުމަތީގައި އުޅެންޖެހޭ ބައެއް ކަމުން، އެފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެއްކަން ފުލުހުން ފާހަގަކުރެއްވިއެވެ.
މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ފުލުހުންގެ ޚިދުމަތުން ދަނީ ކުރިއަށް ގެންދަމުންނެވެ.