ކުޅިވަރު
ކުޅުންތެރިން ބަދަލުވުމުގެ މުއްދަތު ހަމަވިއިރު އިނގިރޭސި ލީގުން ރެކޯޑު އަދަދަކަށް ޚަރަދުކޮށްފި

އިސާކް ގަތުމަށް ލިވަޕޫލުން ވަނީ 125 މިލިއަން ޕައުންޑު ޚަރަދުކޮށްފައި---
ކުޅުންތެރިން ޓީމު ބަދަލުވުމަށް ހުޅުވާލި "ސަމަރ ޓްރާންސްފަރ ވިންޑޯ"ގެ މުއްދަތު ރޭ ހަމަވިއިރު އިނގިރޭސި ލީގުގެ ކްލަބުތަކުން ރެކޯޑު އަދަދަކަށް ޚަރަދުކޮށްފިއެވެ. އެގޮތުން އެ އަދަދު ވަނީ 3 ބިލިއަން ޕައުންޑަށް ވުރެ މައްޗަށް އަރާފައެވެ.
މި ފުރުސަތުގެ ފަހު ދުވަހަށް އިރުއެރިއިރު ކްލަބުތަކުން ހޭދަކޮށްފައި އޮތީ 2.73 ބިލިއަން ޕައުންޑެވެ. ނަމަވެސް އިއްޔެ އެލެކްސެންޑަރ އިސާކު ގަތުމަށް ލިވަޕޫލުން ހޭދަކުރި 125 މިލިއަން ޕައުންޑާއެކު، ކްލަބުތަކުން ހޭދަކުރި ޖުމްލަ އަދަދު ވަނީ 3 ބިލިއަން ޕައުންޑު ފަހަނައަޅާ ގޮސްފައެވެ.
މިއާއެކު، ޖަރުމަނު ލީގާއި، ސްޕެނިޝް ލަ ލީގާ އާއި، ފްރާންސް ލީގާއި އަދި އިޓާލިއަން ސީރީ އޭގެ ހުރިހާ ކްލަބެއް އެއްކޮށްލުމުން ޚަރަދުކޮށްފައި ނުވާ މިންވަރަށް، ހަމައެކަނި އިނގިރޭސި ޕްރިމިއަރ ލީގުގެ 20 ކްލަބުން ވަނީ މި އަހަރު ހޭދަކޮށްފައެވެ.
އިނގިރޭސި ލީގުން މި ފަހަރު އެންމެ ބޮޑު ހޭދައެއްކުރީ ލިވަޕޫލްއެވެ. އެ ކްލަބުން ވަނީ 415 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ޗެލްސީއިން ހޭދަކުރިއިރު، ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ އާސެނަލްއެވެ. އަދި 5 ކްލަބް ފިޔަވާ އެހެން ހުރިހާ ކްލަބަކުން ވެސް ކުޅުންތެރިން ވިއްކައިގެން ލިބުނު އާމްދަނީއަށް ވުރެ ބޮޑު ޚަރަދެއް ވަނީ ކުޅުންތެރިން ގަތުމަށް ހޭދަކޮށްފައެވެ.
މީގެއިތުރުން، މި ފަހަރު ލިވަޕޫލުން ހޭދަކުރި 415 މިލިއަން ޕައުންޑަކީ އެއް ޓްރާންސްފަރ ވިންޑޯއެއްގައި އެއް ކްލަބަކުން ކުޅުންތެރިން ގަތުމަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ 400 މިލިއަން ޕައުންޑާއެކު ޗެލްސީގެ އަތުގައެވެ.