ޚަބަރު
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢު: ފުރަތަމަ ސެގްމެންޓުގެ ޝީޓް ޕައިލްކުރުމުގެ ބޮޑު ބައެއް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ޝީޓް ޕައިލްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
ޝީޓް ޕައިލްކުރުމުގެ މަސައްކަތުގެ ތެރެއިން އިއްޔެއާ ހަމައަށް 72 މީޓަރުގެ ސަރަޙައްދެއް ނިންމާލާފައިވާއިރު، އެ ސެގްމެންޓުގެ އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ވަނީ މިހާރު ނިންމާލައިފައެވެ.
މީގެ އިތުރުން އެ ސަރަޙައްދުގެ ކުއޭ ވޯލް ޤާއިމްކޮށް، މަގު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް، މި މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރ، ޑީސީޕީ ރިޓަޔަރޑް އަޙުމަދު ސަޢުދީ ވަނީ އެ ސަރަޙައްދަށް ވަޑައިގެންފައެވެ.
Our MD, DCP (retd) Ahmed Saudee inspected the progress of the Boduthakurufaanu north side road development project today. We have completed 72 meters sheet piling works and now completed the demolishing of the quay wall capping for the segment 1 area of the Boduthakurufaanu north… pic.twitter.com/5NR1QqD4F8
— MTCC Plc (@MTCCPlc) September 1, 2025
144 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ މާލޭ އުތުރު ސަރަހައްދުން ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން، މަގު ތަރައްޤީކުރެވެނީ 4 ލޭނަށެވެ. މީގެ އިތުރުން، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.