ކުޅިވަރު
ރާއްޖެއިން ބޭރުގެ ކުޅުންތެރިންނާއެކު ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ފަށައިފި

ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް، ފޮޓޯ: ޕީއެސްއެމް
ރާއްޖެއިން ބޭރުގެ ކުޅުންތެރިންނާއެކު ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން 2025 އިއްޔެ ފަށައިފިއެވެ.
ޖުމްލަ 347 ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ޕާކިސްތާނުގެ ކުޅުންތެރިން ވާދަކުރާނެއެވެ.
މާލޭ ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންވެސް ވާދަކުރާނެއެވެ.
މުބާރާތުގައި ކުޅުންތެރިން ވާދަކުރާ ކެޓަގަރީތަކުގެ ތެރޭގައި އޯޕަން، ސްޕެޝަލް އޮލިމްޕިކްސް، ޕެރަ ކެޓަގަރީ ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގައި ކުޅުންތެރިން ވާދަކުރާ ކެޓަގަރީތަކުގެ ތެރޭގައި 9 އަހަރުންދަށާއި، 11 އަހަރުންދަށާއި، 13 އަހަރުންދަށާއި، 15 އަހަރުންދަށާއި، 17 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާގެ ކުޅުންތެރިންނެވެ.
މި މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަޙުމަދު މާޚްލޫފް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މުބާރާތުގައި ވާދަކުރާ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނާއި ޕެރަ އެތުލީޓުންގެ ސަބަބުން މުބާރާތް އިތުރަށް ޚާއްސަވެގެން ގޮސްފައިވާ ކަމަށެވެ.
އަދި މި އަހަރުގެ މުބާރާތުގެ ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަ ކެޓަގަރީގައި ހަމައެކަނި ރާއްޖޭގެ އެތުލީޓުން ތިބިކަމަށްވިޔަސް މުބާރާތުގައި ބައިވެރިވުމަށް ބޭރުގެ އެތުލީޓުންވެސް ޝައުގުވެރިކަން ފާޅުކުރިކަމަށެވެ. އެހެންނަމަވެސް ބޭރުގެ އެތުލީޓުންނާއި ރާއްޖޭގެ އެތުލީޓުންގެ ދެމެދުގައި ކެޓަގަރީގެ ތަފާތުތަކެއް އުޅުމުން މި އަހަރު އެ ފުރުސަތު ފަހިކޮށްނުދެވުނީކަމަށް މަޚުލޫފް ވިދާޅުވިއެވެ.
މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 6 އަށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށެވެ.
މި މުބާރާތުގައި ބޭރުގެ މޮޅެތި ޖޫނިއާރ ކުޅުންތެރިންތަކެއް ވާދަކުރާނެއެވެ. އޭގެ ތެރޭގައި ލަންކާގައި ކުރިއަށްދިޔަ ބީޑަބްލިއުއެފް މުބާރާތުގެ ޗެމްޕިއަނުންވެސް ހިމެނެއެވެ.