ޚަބަރު
ސިޔާސީ ޕާޓީތަކަށް ޖުމްލަ 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް ފޮނުވައިފި

މި އަހަރު 5 ޕާޓީއަކަށް ޖުމްލަ 43،333،055 ރުފިޔާ ދޫކުރުމަށް ވަނީ ފޮނުވާފައި، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ސިޔާސީ ޕާޓީތަކަށް ޖުމްލަ 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބޭންކްތަކަށް ފޮނުވައިފިއެވެ.
މި ފައިސާއަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުން ދޫކުރަމުން އަންނަ ފައިސާއެވެ. އެގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1ގެ އަދަދެއް ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް އެ ޤާނޫނުގައި ވެއެވެ. މީގެ އިތުރުން، މި ފައިސާ ދޫކުރަނީ އެ ޕާޓީއެއްގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
2024 ޑިސެންބަރު 31 ގެ ނިޔަލަށް މި އަދަދަށް މެންބަރުން ހަމަވާ 5 ޕާޓީ އޮތްއިރު، މި ޕާޓީތަކަށް ޖުމްލަ 43،333،055 (ސާޅީސް ތިން މިލިއަން ތިން ލައްކަ ތިރީސް ތިންހާސް ފަންސާސް ފަސް ރުފިޔާ) ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ފައިސާ ދޫކުރާނީ، އެންމެ ގިނަ މެންބަރުން ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. އެ ޕާޓީއަށް 13 މިލިއަން ރުފިޔާ ލިބޭނެއެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކުރާނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އެ ޕާޓީއަށް 8.4 މިލިއަން ރުފިޔާ ލިބޭނެއެވެ.
މި ފައިސާ ދެން ލިބޭ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ޢަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އެވެ.

2025ވަނަ އަހަރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރި ގޮތުގެ ތަފްސީލް، ފޮޓޯ: އީސީ
މި އަހަރަށް ދައުލަތުގެ އަހަރީ ބަޖެޓުގައި ލަފާކުރި އަދަދަށް ބަލައި، ކޮންމެ ޕާޓީއަކަށް ވެސް ފައިސާ ދޫކުރަނީ، އެ ޕާޓީއެއްގެ ކޮންމެ މެންބަރެއްގެ ބޮލަކަށް 193.23 ރުފިޔާ ގެ މަގުންނެވެ.