ރަހަފަތް

އެންމެ 3 އިންގްރީޑީއެންޓް ބޭނުންކޮށްގެން ހަދާލެވޭ މީރު ޗޮކްލެޓް ކޭކެއް!

އެންމެ 3 އިންގްރީޑީއެންޓް ބޭނުންކޮށްގެން ހަދާލެވޭ މީރު ޗޮކްލެޓް ކޭކެއް!

ކޭކު.

farudhun logo

ފަރުދުން

02 ސެޕްޓެމްބަރު 2025، 10:29

02 ސެޕްޓެމްބަރު 2025، 10:29

މިއަދު މިހުށަހަޅައިދެނީ އެންމެ 3 އިންގްރީޑިއެންޓް ބޭނުންކޮށްގެން ހަދާލެވޭ މީރު ޗޮކްލެޓް ކޭކެއްގެ ރެސެޕީއެވެ. މިކޭކު އަޅަން ކޭކު ފުށް ޕެކެޓު އަދި ބިސް ބޭނުން ކުރާކަށް ނުޖެހޭނެއެވެ. ކޮންމެ ކިޔުންތެރިއަކަށް ވެސް ފަސޭހަކަމާއެކު ތައްޔާރުކުރެވޭނެއެވެ.

ބޭނުންވާނެ ތަކެތި:

-350 ގްރާމް ޗޮކްލެޓް ބިސްކޯދު

-2.5 ސައިސަމުސާ ބޭކިންގ ފޯޑަރު

-1.5 ތަށި ކިރު (360 އެމް.އެލް.)

ހަދާނެ ގޮތް:

ފުރަތަމަ ކަމަކަށް، ޗޮކްލެޓް ބިސްކޯދު ތައް ހިމުން ވަން ދެން މިކްސަރުން މުގުރާލާށެވެ. މިކްސަރެއް ނެތް ނަމަ ވަނުން ތަޅާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި ބަރު އެއްޗަކުން މަޑުމަޑުން ތަޅާށެވެ. މިމަރުޙަލާގައި ބޭނުން ވައްތަރެއްގެ ބިސްކޯދު ބޭނުންކުރެވިދާނެއެވެ. އަޅުގަނޑު އެންމެ ގަޔާވާ ބިސްކޯދަކީ ނިއުޓްރޯ ބިސްކޯދެވެ. ނަމަވެސް، އެހެން ވައްތަރުތައް ވެސް ބޭނުންކުރެވިދާނެއެވެ. އެކަމަކު ބޯއިކޮޓު ބިސްކޯދުތައް ބޭނުން ނުކުރުމަށް ސަމާލުވުން މުހިންމެވެ.

އެއަށް ފަހު، މުގުރައި ހިމުން ކޮށްފައި ހުރި ބިސްކޯދު ކުނޑިތައް ބޯތަށްޓަކަށް އަޅާށެވެ. އަދި ތަށްޓަށް ބޭކިންގ ފޯޑަރު ކޮޅު އަޅާށެވެ. އެއަށް ފަހު، ރަނގަޅަށް އެއްކޮށްލާށެވެ.

ތިން ވަނަ ކަމަކަށް، ބޯތަށްޓަށް ކިރުފޮދު އަޅާލައި، ރަނގަޅަށް ގިރައި އެއްކޮށްލާށެވެ. މިހާރު ތިޔަ ހުރީ ކޭކުގެ ފުށްގަނޑު ތައްޔާރުވެފައެވެ.

ފުށްގަނޑު ތައްޔާރުކޮށް ނިމުމުން، ކޭކު ފިހާ ތަށްޓެއްގެ ފުލުގައި ބޭކިންގ ޝީޓު އަޅާށެވެ. އަދި ޝީޓު މަތީގައި ބަޓަރުކޮޅެއް ކާއްތާލާށެވެ. އެއަށް ފަހު، މަޑުމަޑުން ކޭކު ފުށްގަނޑު ކޭކު ފިހާ ތަށި ތެރެއަށް އަޅާލާށެވެ. އަޅާލައި ނިމުމުން، 170 ޑިގްރީގައި 25-30 މިނަޓު ވަން ދެން ފިހެލާށެވެ. ކޭކުގެ މެދަށް ދަތްކޮށްޓި ހަރާލުމަށް ފަހު ނެރެލުމުން ތެތް ކަމެއް ނެތީ ވިއްޔާ، ކޭކު އެހުރީ ފިހެވިފައެވެ. 

ހުހަށް ކޭކު ކާން ބޭނުން ނުވާ ނަމަ، ކޭކުގެ މައްޗަށް ސިރަޕެއް ނުވަތަ ގަނާޝެއް އެޅިދާނެއެވެ. ނަމަވެސް ޙަޤީޤަތުގައި މިރެސަޕީގައި އިތުރު އެއްޗެއް އަޅާކަށް ނޯވެއެވެ.

ދެން ލޯބިވާ ފަރާތްތަކާ އެކު ކޭކު އަވަހަށް ކާލާށެވެ!

މި ލިޔުން ކިޔާލުމުން