ރަހަފަތް
މިހާރު ގޭގަވެސް މޭޝްޑް ޕޮޓޭޓޯ އަދި ޗިކަން ސްޓޭކް ތައްޔާރުކޮށްލެވޭނެ

މޭޝްޑް ޕޮޓޭޓޯ ވިތް ޗިކަން ސްޓޭކް
މޭޝްޑް ޕޮޓޭޓޯ ވިތް ޗިކަން ސްޓޭކް
ދިވެހިންނަކީ ދިވެހި ކެއުންތަކުގައި އަލުވި އަދި ކުކުޅު ތަފާތު މީރު ގޮތްގޮތަށް ހިމެނުމުގައި އަރާތިބި ބައެކެވެ. ހިކިކޮށްހަދާގެންނާއި، ރިހަގަނޑުގަނޑު، އަދި ސައިޑް ޑިޝްތައް ތަފާތުކުރުމެއްނެތި އަލުވި އަދި ކުކުޅު ބޭނުންކޮށްގެން ހަދަމުންދާއިރު، މި ރޯދަމަހު ރެސްޓޯރެންޓުތަކުން ކެއުމުގެ ބަދަލުގައި ގޭގައި މޭޝްޑް ޕޮޓޭޓޯ ވިތް ޗިކަން ތައްޔާރުކޮށްގެން އަޖުމަ ބަލާލަބަލާށެވެ.
ބޭނުންވާ ތަކެތި:
މޭޝްޑް ޕޮޓޭޓޯ ތައްޔާރުކޮށްލުމަށް:
- އަލުވި (ކޮށާފަ)
- ބަޓަރ
- ފުލް ކްރީމް މިލްކް
- ލޮނު
- އަސޭމިރުސް
ޗިކަން ސްޓޭކް ތައްޔާރުކޮށްލުމަށް:
- 1 ޗިކަން ބްރެސްޓް
- 1/2 ސައިސަމުސާ ޑްރައިޑް ތައިމްސް/ރޯސްމެރީ
- 2 ލޮނުމެދު (ކޮށާފަ)
- 1/2 ފިޔާ (ކޮށާފަ)
- އޮލިވް އޮއިލް
- 1/2 ސައިސަމުސާ ޑާކް ސޯޔާ ސޯސް
- ލޮނު (ރަހަލާ ވަރަށް)
- އަސޭމިރުސް (ރަހަލާ ވަރަށް)
- 1/2 ސައިސަމުސާ އޮއިސްޓަރ ސޯސް
- 1/2 ޖޯޑު ފުލް ކްރީމް މިލްކް
ސައިޑް ޑިޝް ތައްޔާރުކޮށްލުމަށް:
- ކެރޮޓް (ކޮށާފަ)
- ބްރޮކޮލީ
- ލޮނު އަދި އަސޭމިރުސް (ރަހަލާ ވަރަށް)
- ތެޔޮ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކޮށާފައި ހުރި އަލުވިކޮޅު ފެނުކައްކާލާށެވެ. ދެން ޗިކަން ސްޓޭކް ތައްޔާރުކުރުމަށް ކުކުޅުކޮޅަށް ލޮނު އަދި އަސޭމިރުސްކޮޅެއް އެޅުމަށްފަހު ތަވައަކަށް ތެޔޮފޮދު އަޅާފައި ރޯފިލުވާލަން ލާށެވެ. ކުކުޅުކޮޅު ރޯފިލުމުން މައްޗަށް ކޯށާފައިހުރި ލޮނުމެދު އަދި ފިޔާކޮޅު އަޅާލާށެވެ. އެއަށްފަހު ކުޅި ރަހަ ހެޔޮވޮރު ކުރުމަށް ބޭނުންވާ ސްޕައިސަސް އަޅާށެވެ. ދެން މަތިޖަހާފައި އެއްކޮށް ރޯފިލަންދެން ބެހެއްޓުމަށްފަހު ސޯޔާ ސޯސް، އޮއިސްޓަރ ސޯސް، އަދި ފުލް ކްރީމް މިލްކްކޮލު އަޅާލާށެވެ. މި ހުރިހާ ތަކެއްޗެއް ރަނގަޅަށް އެއްކޮށްލުމުން ޗިކަން ސްޓޭކް ހުންނާނީ ތައްޔާރުވެފައެވެ.
މޭޝްޑް ޕޮޓޭޓޯ ހެދުމަށް މަޑުކޮށްފައި ހުރި އަލުވިކޮޅު ރަނގަޅަށް ޗިސްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބަޓަރ، ފުލް ކްރީމް މިލްކް، ލޮނު، އަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަލުވިކޮޅާއި ހުރިހާ އެއްޗެއް އެއްވުމުން ސާރވް ކުރުމަށް ތައްޓަކަށް އަޅާލާށެވެ. ދެން އޭގެ މައްޗަށް ކުރިން ތައްޔާރުކޮށްފައި ހުރި ޗިކަން ސްޓޭކްކޮޅު ލާށެވެ. މި ކެއުން އިތުރަށް ފުރިހަމަ ކޮށްލުމަށް ސައިޑް ޑިޝްއެއްގެ ގޮތުގައި ކެރޮޓް އަދި ބްރޮކޮލީ ބޭނުންކުރެވޭނެއެވެ. ކެރޮޓް އަދި ބްރިކޮލީކޮޅަށް ކުޑަ ލޮނުކޮޅަކާއި، އަސޭމިރުސް އަދި ތައިމްސްކޮޅޭއް އަޅާ އެއްކޮށްލުމުން ރަހަ ފުރިހަމަ ވެގެންދާނެއެވެ.