ކުޅިވަރު / ޚަބަރު
ފުރަތަމަ ފަހަރަށް މެލޭޝިއާގައި ދިރިއުޅޭ ދިވެހީންގެ ހޭންޑްބޯލް މުބާރާތެއް ބާއްވަނީ

ހޭންޑްބޯލް މުބާރާތުގެ ލޯގޯ
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި، މެލޭޝިއާގައި ދިވެހިން އިންތިޒާމުކުރާ ފުރަތަމަ ހޭންޑްބޯލް މުބާރާތް ކަމަށްވާ "ދިވެހީންގެ ހޭންޑްބޯލް ކަޕް 2025" ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް މިމުބާރާތް އިންތިޒާމްކުރާ ފަރާތް ކަމަށްވާ ހާމަކޮށްފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ.މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި، މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން، ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކޮށް، މުޖުތަމަޢުގެ ގުޅުން ވަރުގަދަ ކުރުމަކީ މި މުބާރާތުގެ މައިގަނޑު މަޤްޞަދެވެ. މި މުބާރާތުގައި މެލޭޝިއާގެ ވިސާ އޮންނަ ދިވެހި ކުޅުންތެރިންނަށް ބައިވެރިވެވޭނެއިރު، ކޮންމެ ޓީމަކަށް ވިސާ ނެތް އެއް ކުޅުންތެރިޔަކު ބައިވެރިކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މުބާރާތް ބާއްވާނެ ސީދާ ތަނެއް ވަރަށް އަވަހަށް އިއުލާން ކުރެވޭނެކަމަށް އޯގަނައިޒަރުން ބުނެއެވެ.
މި މުބާރާތް ކުރިއަށްދާނީ ވާދަވެރި މެޗުތަކަކަށް ފަހު ސެމީ ފައިނަލް އަދި ފަހު މެޗަކާ ހަމައަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓެއް ދިނުމުގެ އިތުރުން، އެންމެ މޮޅު ކުޅުންތެރިޔާ (ބެސްޓް ޕްލޭޔަރ) އަދި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން (ބެސްޓް 7) ފާހަގަކޮށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން އުންމީދުކުރަނީ މި ހަރަކާތުގެ ސަބަބުން ޒުވާނުންގެ ބައިވެރިވުން އިތުރުވެ، ބޭރުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ގުޅުންތައް ބަދަހިވެގެންދާނެ ކަމަށެވެ. މި މުބާރާތާ ބެހޭ އިތުރު މައުލޫމާތުތައް DhivehingeHandball@ އިންސްޓަގްރާމް އެކައުންޓުން ލިބިވަޑައިގަންނަވާނެއެވެ.