ޚަބަރު
ވައި ނުސާފުވެ މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރައިފި
މާލެ ސަރަހައްދު / ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖޭގެ ވައި ނުސާފުވެ، މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ފޯރައިފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ މޫސުމީ ހާލަތު މިގޮތުގައި ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖޭގެ ސަރަހައްދުގެ ވައިގެ ފެންވަރު ބޮޑުތަނުން ދަށްވެފައިވާއިރު، މިއީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ ދިމާކޮށް ކުރިމަތިވާ މައްސަލައެކެވެ. މެޓް އޮފީހުން ކުރިން ފާހަގަކޮށްފައިވާ ގޮތުގައި މި ދުންފުސްކަމަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުގެ ވައި ނުސާފުވުމުގެ ސަބަބުން، ވަޔާއެކު ދަތުރުކޮށް ރާއްޖޭގެ ސަރަހައްދަށް ފެތުރިގެން އަންނަ ފުސްދުމުގެ އަސަރެވެ.
ވައިގެ ފެންވަރު ދަށްވުމާ ގުޅިގެން ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތުން، ބޭރުތެރޭގައި އެކި ހަރަކާތްތަކާއި މަސައްކަތްތަކުގައި އުޅުއްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
Haze conditions are expected to persist over the next five days. Air quality and visibility may remain affected, particularly in northern and central atolls. https://t.co/O6RwkcHvkC
— Maldives Meteorology (@MetMaldives) November 19, 2026
މީގެއިތުރުން، ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި، ކުޑަކުދިން އަދި ދޮށީ އުމުރުގެ މީހުން މި ދުވަސްވަރު އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށާއި، ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް ސިއްހީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.