ޚަބަރު
އައިސީޖޭގެ ޙުކުމާއެކު ރޮހިންޔާ ރެފިއުޖީންނަށް ބޮޑު ހިތްހަމަޖެހުމެއް
އައިސީޖީއޭގެ ހުކުމް އިއްވި މަންޒަރު ލައިވްކޮށް ބަލަން އެއްވެތިބި ރޮހިންޏާގެ ރައްޔިތުންތަކެއް.
މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގީ ނަސްލުނައްތާލުން ނުވަތަ ޖެނޮސައިޑްގެ ޖަރީމާއެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކަނޑައެޅުމާ ގުޅިގެން، ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ރޮހިންޔާ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބިއްޖެއެވެ.
ބުރާސްފަތި ދުވަހު ނެރުނު މި ތާރީޚީ ޙުކުމުގައި ކޯޓުން ވަނީ 2017 ވަނަ އަހަރު މިޔަންމާ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އޮޕަރޭޝަންތަކުގައި 10,000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ބަޔާންކޮށް، އެ ޖަރީމާތަކުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް ނިންމާފައެވެ.
ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ދަ ގެމްބިއާއިން 1948 ގެ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އައިސީޖޭއަށް ހުށަހެޅި މި މައްސަލައިގެ ޙުކުމް އިއްވުމާއެކު، އަހަރުތަކެއް ވަންދެން އިންސާފަށް އިންތިޒާރުކުރަމުން ދިޔަ އެތައް ލައްކަ ރެފިއުޖީންނެއްގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ކޭމްޕް 1 އީ ގައި ދިރިއުޅޭ އުމްމޭ ރުމާން ބުނި ގޮތުގައި، މިއީ ހަމައެކަނި ޤާނޫނީ ނިންމުމެއް ނޫން ކަމަށާއި، މިއީ އެމީހުން ތަޙައްމަލުކުރި އަނިޔާތައް ދުނިޔެ ފުރަތަމަ ފަހަރަށް ބަލައިގަތް ކަމުގެ ހެއްކެކެވެ.
ކޭމްޕުތަކުގައި އިންޓަނެޓް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ރެފިއުޖީން ވަނީ މޯބައިލް ފޯނުތަކާއި ލެޕްޓޮޕް އަދި ބޮޑެތި ސްކްރީންތަކުގެ އެހީގައި ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށް ޝަރީޢަތުގެ އަޑުއެހުންތައް ވަގުތުން ބަލާފައެވެ. ޢުމުރުން 18 އަހަރުގެ މުޙައްމަދު ރެހާން ބުނި ގޮތުގައި، ޙުކުމުގެ ޚަބަރު ލިބުމާއެކު ބައެއް އަންހެނުން އުފަލުން ރޮމުން ދިޔައިރު، އަނެއް ބަޔަކު ޝުކުރުގެ ދުޢާކުރިއެވެ. އަދި އޭނާގެ ހިތަށް އެންމެ ފުރަތަމަ ވެސް ވެރިވެގެންދިޔައީ އަމިއްލަ ވަޒަނަށް އަނބުރާ ދެވިދާނެ ކަމުގެ އުންމީދެވެ.
މި ޙުކުމާއެކު އުފާފާޅުކުރަމުން ދިޔަ ނަމަވެސް، ކޭމްޕުތަކުގައި ދިރިއުޅޭ ރެފިއުޖީންގެ ޙަޔާތުގެ ހިތްދަތި ހަޤީޤަތްތައް އަދިވެސް ދަނީ ތަޙައްމަލުކުރަމުންނެވެ. އެގޮތުން ބަންގާޅު ކަނޑުއޮޅީގައި އުފެދުނު ތޫފާން "އަކްވާން" ގެ ސަބަބުން ބޯކޮށް ވާރޭވެހި، ފިތިބާރުވެފައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅުމުގެ ތަކުލީފުތައް ވަނީ އިތުރުވެފައެވެ. ބައެއް ޒުވާނުންނާއި އެކްޓިވިސްޓުން ފާހަގަކުރި ގޮތުގައި މި ނިންމުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ނަމަވެސް، މިޔަންމާ އަސްކަރިއްޔާގެ އަނިޔާތަކުގައި ވަކިވެދިޔަ ލޯބިވާ މީހުންނާއި ގެއްލިގެންދިޔަ ގެދޮރު އަނބުރާ ނުހޯދޭނެއެވެ.
ޔުނިވަރސިޓީ އޮފް ޗިޓަގޮންގްގެ އެންތުރޮޕޮލޮޖީ ޕްރޮފެސަރ ނާސިރުއްދީން ވިދާޅުވީ، 21 ވަނަ ޤަރުނުގައި ދުނިޔޭގެ ލޯމަތީގައި ހިންގި މިފަދަ ބޮޑު ޖަރީމާއަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާފު ހޯދައިދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އެޓްލާންޓިކް ކައުންސިލްގެ ސީނިއަރ ފެލޯ މައިކަލް ކޫގެލްމަން އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޙުކުމުގެ ސަބަބުން ރޮހިންޔާ ރައްޔިތުން ރައްކާތެރިކަމާއެކު އަނބުރާ ޤައުމަށް ފޮނުވުމަށް ބަންގްލަދޭޝާއި މިޔަންމާއާ ދެމެދު ކުރެވޭ މަޝްވަރާތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ރޮހިންޔާ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އަނިޔާވެރި ޢަމަލުތައް ހިންގި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމާއި، އެމީހުންގެ ރަށްވެހިކަމާއި އަސާސީ ޙައްޤުތައް ކަށަވަރުކޮށްދީ، ކަރާމާތްތެރިކަމާއެކު އަމިއްލަ ވަޒަނަށް އަނބުރާ ދިޔުމުގެ ފުރުޞަތު ފަހިވުމެވެ.