ޚަބަރު
ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް "އުދުހިލަން" ޤައުމީ ކެމްޕެއިން ފަށައިފި

ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީ ފޮޓޯ: ޕީއެސްއެމް
ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމަށް "އުދުހިލަން"ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް ރަސްމީކޮށް ފަށައިފިއެވެ. މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އާއި ޔުނިސެފް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މުހިންމު ކެމްޕެއިނެކެވެ.
މި ކެމްޕެއިންގެ މައިގަނޑު މަޤުޞަދަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ އުފާވެރި، ރައްކާތެރި މުޖުތަމަޢުއެއް ކުޑަކުދިންނަށް ހޯދައިދިނުމެވެ. އަދި ކުޑަކުދިންނަށް ދޭންވާ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމެވެ.
މި ކެމްޕެއިން އިފްތިތާޙުކުރުމަށްޓަކައި މީރުމާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، "އުދުހިލަން" ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ އެފްޕީއޭގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް އަދި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީއެވެ. މި ރަސްމިއްޔާތުގައި، ކުޑަކުދިންގެ ހައްގުތަކާއި، ގެވެށި އަނިޔާއާ ގުޅުންހުރި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްޕީއޭގެ ސީއީއޯ ޝިރާނީ ނައީމް ފާހަގަކުރެއްވި ގޮތުގައި، އެފްޕީއޭއަށް ހުށައަޅާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކުގެ %50 އަކީ ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅުންހުރި މައްސަލަތަކެވެ. މިގޮތުން، މިދިޔަ އަހަރު އެފްޕީއޭއަށް 722 މައްސަލަ ހުށައެޅުނުއިރު، އޭގެތެރެއިން 315 މައްސަލައަކީ ކުޑަކުދިންނަށް ދިމާވާ ޖިސްމާނީ، ނަފްސާނީ، ބަހުގެ އަދި ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށް ޝިރާނީ ވިދާޅުވިއެވެ. އެންމެ ގިނައީ ކުދިންނަށް އެފަދަ މަންޒަރުތައް ދެއްކުން ނުވަތަ އަޑު އިއްވުމުގެ މައްސަލަތައް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝިރާނީ އިތުރަށް ވިދާޅުވީ، މި ކެމްޕެއިންގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި ކެމްޕެއިންގެ އެންމެ މުހިންމު ބޭނުމަކީ، އަނިޔާއަކަށް ބަދަލުވުމުގެ ކުރިން އެކަން ދެނެގަނެ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައި އޭނާ ވިދާޅުވިއެވެ. ގެވެށި އަނިޔާގެ މައްސަލަތަކަށް ހުށައެޅުމުގެ ދޮރުތައް ބަންދުކުރުމާއި، އަނިޔާއަށް ހުށަހެޅިއްޖެ ހާލަތުގައި މައްސަލަ ހުށައަޅާ އެކަން ބެލޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމާއި، އެފަދަ ކުދިންނަށް ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ކެމްޕެއިންގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޝިރާނީ ވިދާޅުވިއެވެ.
ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީ ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގައި ކުޑަކުދިންގެ އާބާދީގެ %70 ކުދިންނަށް އެކުދިންގެ ހަޔާތުގައި ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ކުރިމަތިވާކަން ހާމަކުރެއްވިއެވެ. އޭގެތެރެއިން %40 ކުދިންނަށް ޖިސްމާނީ އަނިޔާ ކުރިމަތިވާއިރު، %30 ކުދިންނަށް ނަފްސާނީ އަނިޔާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަނިޔާތަކަކީ އަބަދަށް ދެމިގެންދާ ޒަޙަމުތަކެއް ކަމަށާއި، ގިނަ ކޭސްތައް ރިޕޯޓް ނުކުރެވި ދޫކޮށްލެވޭ ކަމަށްވެސް އަޑާއީ ފާހަގަކުރެއްވިއެވެ. އޭނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކޮންމެ ކުއްޖަކީ ލޯތްބާއި ރައްކާތެރިކަމުގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަކީ އަހަރެމެންގެ އަޒުމަކަށް ވާންވާނެ ކަމަށެވެ.
"އުދުހިލަން" ކެމްޕެއިންގެ ޢަމާޒަކީ މުޖުތަމަޢުގެ ހުރިހާ މީހުން ގުޅިގެން، ކުޑަކުދިންނަށް ދިމާވާ އަނިޔާގެ މައްސަލަތައް މަދުކޮށް ހުއްޓުވުމެވެ. އަދި ކުރިމަގުގައި މިފަދަ މައްސަލަތައް ހުއްޓުވުމަށް އަޑުއުފުލާ ޖީލެއް ބިނާކުރުމެވެ. މި ކެމްޕެއިންގައި ކުރިއަށް އޮތްތަނުގައި ތާވަލުކުރެވިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.