Ads by Stelco

ޚަބަރު

ކަރެކްޝަނަލް މަރުކަޒުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ކުޑަކުދިންނަށް އަމާޒުކޮށް "އުނގެނެމާ" ޕްރޮގްރާމް ފަށައިފި

ކަރެކްޝަނަލް މަރުކަޒުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ކުޑަކުދިންނަށް އަމާޒުކޮށް "އުނގެނެމާ" ޕްރޮގްރާމް ފަށައިފި

"އުނގެނެމާ" ޕްރޮގްރާމްގެ ތެރެއިން/ފޮޓޯ: ކަރެކްޝަންސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ސެޕްޓެމްބަރު 2025، 03:01

02 ސެޕްޓެމްބަރު 2025، 03:01

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަރުކަޒުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ކުޑަކުދިންނަށް އަމާޒުކޮށް "އުނގެނެމާ" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިހިނގާ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، މި ޕްރޮގްރާމްގައި ހަތަރު ކުއްޖަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ޤާނޫނާއި، ޤަވާއިދާއި، ނަފުސާނީ ދުޅަހެޔޮކަމާއި، ޕަރސަނަލް ޑިވޮލޮޕްމަންޓް ކްލާސްތަކާއި، ނަމާދާ ބެހޭ ވޯކްޝޮޕް، އަދި ހަތަރު ދީނީ ދަރުސް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އުފެއްދުމާއި، އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، މި ދީނުގެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް ހެދުންކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ނަފުސާނީ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އަމިއްލަ ނަފްސު ދެނެގަނެ ބަލައިގަންނާނެ ގޮތް ބުނެދިނުމާއިއެކު، ތަފާތު ތިޔަރީތަކުގެ އަލީގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކުރެވޭނެ ގޮތްތައް ކިޔައިދެވޭނެކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ. 

މީގެ އިތުރުން، ޙުކުމް ތަންފީޛުކުރަމުންދާ ނުވަތަ ބަންދު ކޮށްފައިވާ ކުދިންނަކީ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ބައެއް ނޫންކަން އެކުދިންނަށް އިޙްސާސްކޮށްދިނުމާއި، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ޤާބިލުކަން އުފެއްދުމަށް އެހީތެރވެދޭނެއެވެ. އަދި މި ޕްރޮގްރާމުގައި، އެނގެންޖެހޭ ޤާނޫނާއި ޤަވާއިދުތައް ބުނެދީ، ކުދީންގެ އަޚްލާޤާއި ސުލޫކަށް އެދެވޭ ބަދަލުތަކެއް ގެނެސް، ޤާނުނާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށް ބާރުއަޅައި، މި ކުދިންނަކީ މުޖުތަމަޢަށް އަނބުރާ ނުކުންނައިރު، ދީނީ ގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބި، ނަފުސާނީ ގޮތުން ހޭލުންތެރި، އަދި ކުށުގެ ވެށިން ދުރުހެލިވެފައިވާ ބަޔަކަށް ހެދިގެންދާނެކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަރުކަޒުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނާއި ބަންދު ކޮށްފައިވާ ކުދިންނަށް އަމާޒު ކޮށްގެން ކަރެކްޝަންސް އިން މީގެ ކުރިން ވެސް ވަނީ މިފަދަ ޕްރޮގްރާމްތައް ހިންގާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން