ޚަބަރު
ރީޖަނަލް އެއަރޕޯޓްސްއިން ހިންގި 9 އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފި

މުލީ ރީޖަނަލް އެއަރޕޯޓް. ފޮޓޯ: ޕީއެސްއެމް
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. އެމްއޭސީއެލުން މައުލޫމާތު ދެއްވިގޮތުގައި، މި އެއަރޕޯޓްތަކާ ހަވާލުވެފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.
އެމްއޭސީއެލުން ފާހަގަކުރެއްވި ގޮތުގައި، އެ އެއަރޕޯޓުތަކާ ހަވާލުވީއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި، މިވަގުތު ކުރިއަށްދަނީ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތެވެ. މީގެއިތުރުން، އެއަރޕޯޓްތަކުގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.
އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންގުޅުއްވާ އިކޮނޮމިކް ރިފޯމްތަކަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ބަލައިގަނެފައިވާ މަސައްކަތްތަކެއް ކަމަށެވެ.
ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ އެންމެހައި މަސައްކަތްތައް އެމްއޭސީއެލާ ހަވާލުކޮށްފައިވީ ނަމަވެސް، އެ ކުންފުނި އުވާލުމުގެ މަސައްކަތްތައް އަދި ވަނީ ނުނިމިއެވެ. ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި، މި ދެ ކުންފުނި އެއްކޮށްލުމުން ޚަރަދުތައް ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.