ޚަބަރު
ރަސްމާލެއަށް ޔަހޫދީންގެ ނުފޫޒު ވަނަކަނުދޭނަން - މުއްތަލިބު
ހައުސިންގ މިނިސްޓަރު ޑރ އަބުދުﷲ މުއްތަލިބު
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއުގެ ތެރެއިން ރާއްޖޭގައި "ޔަހޫދީ އާބާދީއެއް" ގާއިމުކުރަން އުޅޭ ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެއްކޮށް ދޮގުކުރައްވައިފިއެވެ. އަދި އެފަދަ އެއްވެސް ނުފޫޒެއް އެ މަޝްރޫއުގެ ތެރެއަށް ވަނަނުދިނުމަށްޓަކައި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތަފްސީލު އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ލިންކްޑް އިންގައި އާންމުކުރެއްވި ލިޔުމެއްގައި ޑރ މުއްތަލިބު ވިދާޅުވީ، ރަސްމާލޭގައި ޔަހޫދީން އާބާދުކުރާނެ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިކަމުގައި ކަންބޮޑުވަނީ ބިމުގެ އަގުތަކާ މެދު ނޫން ކަމަށާއި، އެއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާ މެދު އޮތް ހަމްދަރުދީގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން އެ ހަގީގަތް އޮޅުވާލައި، ފަލަސްތީނުގެ ގުރުބާނީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދަން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ތުހުމަތުކުރެއްވިއެވެ.
ރަސްމާލެއަށް އިޒްރޭލުގެ އެއްވެސް މަސްލަހަތެއް ނުވަންނާނެކަން ކަށަވަރުކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއުގެ އެއްވެސް ޕްރޮޕަޓީއެއް ގަނެވިއްކުމުގެ މަރުހަލާއެއްގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އަދި އެ ގައުމުގެ ކޮންޓްރޯލް އޮންނަ ކުންފުންޏަކަށް ހިއްސާދާރެއްގެ ގޮތުގައި، ފައިނޭންސްކުރާ ފަރާތެއްގެ ގޮތުގައި ނުވަތަ މަންފާ ލިބޭ ވެރިއެއްގެ (ބެނެފިޝަލް އޯނަރު) ގޮތުގައި ވެސް ބައިވެރިނުވެވޭނެ ކަމަށެވެ. މީގެއިތުރުން، ޕްރޮޕަޓީ ގަންނަ ފަރާތްތަކުން ނިސްބަތްވާ ހުރިހާ ގައުމުތަކެއް ހާމަކުރުން ލާޒިމުވާނެ ކަމަށާއި، އެއްވެސް މައުލޫމާތެއް ފޮރުވައިފިނަމަ އެއްބަސްވުން ބާތިލުކޮށް، އެ މުދަލަކާއި ފައިސާ ދައުލަތަށް ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ވެސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ މަޝްރޫއުގެ އެއްވެސް އިންތިޒާމެއްގެ ދަށުން ބޭރުގެ އެއްވެސް މީހަކަށް ރާއްޖޭގެ ދާއިމީ ރަށްވެހިކަމެއް ނުވަތަ ރައްޔިތުކަމެއް ނުދޭނެއެވެ. އަދި ބިން ދާއިމީކޮށް މިލްކުވާ (ފްރީހޯލްޑް) އުސޫލުން އެއްވެސް ބޭރު ފަރާތަކަށް ބިން ދޫނުކުރާނެ ކަމަށާއި، އެ މަޝްރޫއުން އިމާރާތްކުރާ ޔުނިޓްތައް ދިވެހި ރުފިޔާއިން ގަތުމުގެ ފުރަތަމަ ފުރުސަތު ދިވެހި ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭރުގެ އެކި ފިއްތުންތަކާ އެކުވެސް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނިންމާފައިވާކަން ހަނދާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިއްރު ޕްރޮޕަޓީ ޑީލެއްގެ ތެރެއިން އެ ސިޔާސަތު ކޮމްޕްރޮމައިޒް ކުރާނެ ކަމަށް ބުނުމަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުނިން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ޑރ. މުއްތަލިބު ވަނީ ވިދާޅުވެފައެވެ.