ޚަބަރު
ތުހުމަތުތަކަކާއެކު އިމިގްރޭޝަން އޮފިސަރެއް ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަން އޮފިސަރަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އިމިގްރޭޝަންގެ މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވެސް ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފިސަރު ހައްޔަރުކޮށްފައި ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެގެން އިމިގްރޭޝަނުން ޑީޕޯޓްކޮށްފައިވާ ބިދޭސީއަކު، އަލުން ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުމަށްފަހު އަނބުރާ ގައުމަށް ފޮނުވާލާ (ރީޕެޓްރިއޭޓްކުރާ) އަދި ޑީޕޯޓްކުރާ ބަންގްލަދޭޝްގެ ބިދޭސީން، ރާއްޖެ އައުން މަނާކޮށްފައިވާ މުއްދަތު ހަމަނުވަނީސް، އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާ ގުޅިގެން އަލުން ރާއްޖެ އެތެރެވާ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ކަންބޮޑުވުމާއެކު ދެކެވެމުން އަންނަ ވާހަކައެކެވެ.