ޚަބަރު
ރާއްޖެ-އިންޑިއާ އިންވެސްޓްމަންޓް އެއްބަސްވުމުގެ މަޝްވަރާތައް ނިމި، ސޮއިކުރުމުގެ މަރުޙަލާއަށް
ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު. ފޮޓޯ: ޕީއެސްއެމް ނިއުސް
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) ގެ މަޝްވަރާތައް ނިމި، އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެ ފަހުގެ މަރުޙަލާއަށް ވާސިލުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވަނީ ފަންނީ އަދި އިދާރީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އިންވެސްޓްމަންޓްތަކަށް ޤާނޫނީ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އިތުރުން، ވިޔަފާރީގެ ތެރޭގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގެ އުސޫލުތައް ލުއިފަސޭހަކޮށް، ރާއްޖެއަށް ދިގު މުއްދަތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ހިތްވަރުދިނުމަކީ މި މުއާހަދާގެ މައިގަނޑު މަޤްޞަދެވެ. މި މުއާހަދާއާ ގުޅޭ މަޝްވަރާތައް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބޭއްވެވި މަތީ ފަންތީގެ ބައްދަލުވުންތަކަށް ފަހުގައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ޤައުމު ކަމަށެވެ. އަދި އެ ޤައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، އިންވެސްޓްމަންޓް ޓްރީޓީގެ މަޝްވަރާތައް މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބައިލެޓްރަލް އިންވެސްޓްމެންޓް ޓްރީޓީއެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރެވުނު. މިހާރު އެ ޓްރީޓީގެ އެންމެ ފައިނަލް ސްޓޭޖުގައި ނެގޯސިއޭޝަންސްތައް ނިމި ލީގަލް ވެޓިންގައި މިހާރު މިއުޅެނީ. މާނައަކީ، ޤާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި ނިންމާފައި ސޮއިކުރުމުގެ މަރުހަލާއަށް ދެވިފައި މިއޮތީ އަޅުގަނޑުމެންގެ މި ޓްރީޓީގައިވެސް،"
ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އިންވެސްޓްމަންޓް އެއްބަސްވުމުގެ އިތުރުން، އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ. އެގޮތުން، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ ދެވަނަ ބުރު މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ.
ރާއްޖެއިން އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމުގެ ދާއިރާއިން ބޭރުގެ އެހެން ޤައުމުތަކާއެކުވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދެއެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އިންވެސްޓްމަންޓް ޕްރޮޓެކްޝަން އެންޑް ޕްރޮމޯޝަން އެގްރީމަންޓެއްގައި ސޮއިކޮށްފައިވާއިރު، ސިންގަޕޫރާއެކުވެސް މިފަދަ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ދިވެހިރާއްޖޭގެ ވިޔަފާރީގެ ގުޅުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ ގޮތުން، ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރު ޢަމަލުކުރަން ފަށާފައިވާއިރު، ތުރުކީވިލާތާއެކު ވެވުނު ވަކި ބާވަތްތަކެއްގެ މުދަލުން ޑިއުޓީ މަޢާފުކުރުމުގެ އެއްބަސްވުމަށްވެސް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.